އިޓާލިއަން ސެރީއާގައި އެއްވަނައިގައި އޮތް ނަޕޯލީން ޓޮރީނޯ ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.
ޓޮރީނޯގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
މެޗުގައި ނަޕޯލީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ސްކޮޓް މެކްޓޮމިނޭއެވެ. މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.
މި ކާމިޔާބީއާ އެކު ނަޕޯލީ މިހާރު އޮތީ 14 މެޗުން ލިބިފައިވާ 32 ޕޮއިންޓާ އެކު އެއްވަނައިގައެވެ.
އެޓަލާންޓާއާއި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އަދި ފިއޮރެންޓީނާ 28 ޕޮއިންޓުގައި އޮތްއިރު މިއިން އެއްވެސް ޓީމެއް މި ހަފުތާގައި މޮޅުވެއްޖެ ނަމަ ނަޕޯލީގެ ލީޑު ކުޑަވާނެއެވެ. މި މެޗުން ބަލިވި ޓޮރީނޯ އޮތީ 15 ޕޮއިންޓާ އެކު 12 ވަނައިގައެވެ.
މި މުބާރާތުގައި ތިންވަނައިގައި އޮތް އިންޓާއާއި ހަތަރުވަނައިގައި އޮތް ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ 16 ވަނަ މިނެޓުގައިވަނީ ފިއޮރެންޓީނާގެ މެދުތެރެއަށް ކުޅޭ އެޑުއާޑޯ ބޯވޭ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުމާ ގުޅިގެން މެޗު ފަހުން ކުޅޭ ގޮތަށް ވަނީ ފަސްކޮށްފައެވެ.
އުމުރުން 22 އަހަރުގެ ބޯވޭ ދަނޑު މައްޗަށް ވެއްޓުމާ އެކު ދެ ޓީމުގެ ކުޅުންތެރިން މެޑިކަލް ސްޓާފުންނަށް ގޮވާ އޭނާއަށް ފަރުވާ ދިނުމަށް އަވަސްވެގަތެވެ. މެޑިކަލް ސްޓާފުންގެ އެހީތެރިކަމާ އެކު އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. މިހާރު އަންނަނީ އައިސީޔޫގައި ފަރުވާދެވެމުންނެވެ.
މި އަހަރުގެ އޮގަސްޓް މަހު އޭއެސް ރޯމާއިން ފިއޮރެންޓީނާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ގުޅުނު ބޯވޭ ފިއޮރެންޓީނާއަށް ކާމިޔާބުކޮށްދިން ފުރަތަަމަ ލަނޑު ޖަހާފައިވަނީ ކުރީގެ ޓީމު ރޯމާ ކޮޅަށެވެ. މި މެޗު ފަހުން ކުޅެން ފަސްކުރީ ދެ ޓީމުން ވެސް އެ ކަމަށް އެއްބަސްވެގެންނެވެ.
އިންޓާއިން ބުނީ، މެޗުތައް ކިތަންމެ ވާދަވެރިކަމާ އެކު ކުޅުނު ނަމަވެސް މިއީ އެއްބައެއް ކަމަށާއި މިގޮތަށް ކުޅުންތެރިންނަށް ދިމާވާ ކަންތައްތަކުގަައި އެ ޓީމުން އަބަދު ވެސް އެއްބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށެވެ.
ބޯވޭއަށް އަވަސް ޝިފާއަކަށް އެދި އިޓަލީވިލާތުގެ ކްލަބްތަކާއި ފުޓްބޯޅަ އެސޯސިއޭޝަނުން އަންނަނީ މެސެޖުތައް ފޮނުވަމުންނެވެ.
އިތުރު މެޗުތަކަށް ބަލައިލާއިރު، ފަސްވަނައިގައި އޮތް ލާޒިއޯއާއި ޕާމާ ބައްދަކުރި މެޗު 3-1 އިން ޕާމާއިން ކާމިޔާބުކުރިއިރު ހަވަނައިގައި އޮތް ޔުވެންޓަސްއާއި ލެއްޗެ ބައްދަލުކުރި މެޗު 1-1 އިން ވީ އެއްވަރެވެ.