ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިއްޔެ ފޭސްބުކްގައި ހިއްސާކުރެއްވީ، އޭނާއާއި އޭނާގެ ދަރިފުޅު އައިޒްއާ ދެމެދު ދެކެވުނު ވާހަކައެެކެވެ.
ކުރުކުރުކޮށް ހިއްސާކުރި އެ ވާހަކައަކީ ނިމިދިޔަ ޓީޗަރުންގެ ދުވަސް ސްކޫލުގައި ފާހަގަކުރި ދުވަހު ގެއަށް ދިޔަ މަގުމަތީ ދެބަފައިންގެ މެދުގައި ދެކެވުނު ވާހަކައެކެވެ.
އެ ވާހަކަތަކުގެ ތެރެއިން ކުއްލިއަކަށް އައިޒް، ރިފާއުއަށް އަމާޒުކުރީ ވަރަށް އާދަޔާ ޚިލާފު ސުވާލެއްކަމަށް އޭނާ ލިޔެފައިވެއެވެ.
"ފަސް އަހަރުގެ ކުޑަކުއްޖަކު ވެސް ދުނިޔަވީ ކަންކަމުގައި ވިސްނާވަރު އިހުސާސްކުރެވި އުފާވިއެވެ،" އޭނާ ލިޔުއްވިއެވެ.
ރިފާއު ވިދާޅުވީ، ދަރިފުޅު އުފެއްދި ސުވާލަކީ ސްކޫލުގެ މަސައްކަތު ދައްތައިން ނުވަތަ ސަޕޯޓް ސްޓާފުންނަށް ޚާއްސަ ދުވަހެއް ފާހަގަނުކުރަނީ ކީއްވެތޯ ކަމަށެވެ.
"އައިޒް ބޭނުން ދައްތައިންނަށް ޕްރެސެންޓް ދޭން، އެ ކުދިން ކިހާ ރަނގަޅު،" ދަރިފުޅު އައިޒް ބުނިކަމަށް ރިފާއު ހިއްސާކުރެއްވިއެވެ.
އެއާއެކު ދައްކާނެ އިތުރު ވާހަކައެއް ނެތި އައިޒް ގާތު ވިދާޅުވެވުނީ، ރައީސާ ދެން ބައްދަލުވާ ދުވަހަކުން އެ ޚިޔާލު ރައީސަށް ހުށަހަޅަން ކަމަށް ރިފާއު ވިދާޅުވިއެވެ.
"އަޅުގަނޑު ބަސްހުސްވެ، ދެވުނީ ހިޔާލެއް. ދެން ދަރިފުޅަށް ޕްރެޒިޑެންޓާ ބައްދަލްވާ ދުވަހަކު ޕްރެސިޑެންޓަށް ރިކުއެސްޓް ކޮއްލާ.
ކަމަކަށް ވަގުތުޖެހުނީމަ އެކަމެއްވާނެއޭ ބުނާ ބީދައިން، މިއަދު މިއޮތީ އައިޒްގެ ފުރުސަތު ލިބިފައި،"
ޓީޗަރުންގެ ދުވަސް ނިމި އޭގެ ފަހުން ދެތިން މަސް މިހާރު ފާއިތުވެފައިވާއިރު، އައިޒް އެ ދުވަހު ދެއްކި ވާހަކަތައް ހިއްސާކުރަން ރައީސާ ބައްދަލުވާނެ ވަގުތަކަށް އައީ އިންތިޒާރު ކުރަމުންނެވެ.
އެ ނަސީބު އިއްޔެ އައިޒްއާ ލައްވައިލީ ސްކޫލް ނިމިގެން ގެއަށް ދިޔަ ވަގުތާއި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އޮފީސް ނިންމަވައިލެއްވުމަށްފަހު ހިންގަވާފައި މުލީއާގެއަށް ވަޑައިގެންނެވި ވަގުތާ ދިމާވުމުންނެވެ.
މިއީ އައިޒްގެ ހުށަހެޅުން ހުށަހަޅަން ލިބުނު އެންމެ ފުރިހަމަ ފުރުސަތުކަމުން ، ގެކޮޅަށް ވަދެވަަޑައިގަންނަވަނިކޮށް ރައީސްއާ ބައްދަލުކޮށް އައިޒަށް އެ ވާހަަކަ ހިއްސާކުރަން ފުރުސަތު ލިބުނުކަމަށް ރިފާއު ވިދާޅުވިއެވެ.
"މި ތުއްތު ކުދިންގެ ހިތުގައި މި ދައްތައިންނަށް މިފަދަ ގަދަރެއްދެވިފައި ވާކަން އެނގުމުން ނުހަނު އުފާވޭ. ހުރިހާ ދައްތައިން ތިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން،" ރިފާއު އިތުރަށް ލިޔެފައިވެއެވެ.
ސްކޫލުތަކުގައި ކުލަގަދަކޮށް ފާހަގަކުރާ ޚާއްސަ ދުވަސްތަކުގެ ތެރޭގައި ކުޑަކުދީންގެ ދުވަހާއި ޓީޗަރުންގެ ދުވަސް ހިމެނެއެވެ. އެ ފަދަ ދުވަސް ދުވަހު ސަޕޯޓް ސްޓާފުން ބައިވެރިކޮށްގެން ވެސް ޚާއްސަ ހަރަކާތްތައް ހިންގައެވެ.
މީގެ އިތުރުން ސްކޫލުތަކުގެ އަހަރީ ދުވަސްފަދަ ޚާއްސަ ދުވަސްތަކުގައި ވެސް ހުރިހާ މުވައްޒަފުންގެ އަގުވަޒަންކުރުން ފަދަ ކަންކަން ކުރެއެވެ.