ދުނިޔޭގައި ކަދުރު ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ސަޢުދީ ޢަރަބިއްޔާއިން ކަދުރު ބޭނުންކޮށްގެން ދުނިޔޭގައި އުފެއްދި ފުރަތަމަ ކޯލާ ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.
މީލާފް ކޯލާގެ ނަމުގައި ބާޒާރަށް ނެރޭ މި ކޯލާއަކީ ތަފާތު ރަހައާއި ސިއްހީ ގިނަ ފައިދާތަކަކާ އެކު ސަޢުދީގެ އުފެއްދުންތެރިކަން ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ ސޮފްޓް ޑްރިންކްއެއް ކަމަށް އަރަބި ނޫސް މުންސިފްޑެއިލީގައި ވަނީ ބުނެފައެވެ.
ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަ ސޮފްޓް ޑްރިންކްސް ތަކަކީ ހަށިގަނޑަށް އެއިން ގެއްލުންދޭ ބުއިންތަކެއް ކަމަށް ބައެއް މީހުން ބުނަމުން އަންނައިރު ކަދުރަކީ ހަށިގަނޑަށް އެތައް ގިނަ ފައިދާތަކެއް ލިބޭ މޭވާއެއް ކަމުން މީލާފް ކޯލާ އަކީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭނެ ބުއިމެއް ކަމަށް މި ނޫހުގައި ވަނީ ބުނެފައެވެ.
ހަމައެއާއެކު ރަހަ އާއި ނިއުޓްރިޝަންގެ ފަރަގު ނައްތާލާ މީލާފް ކޯލާއިން ސިއްހީ ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭނެ ކަމަށް މި ކޯލާ ގެނެސްދޭ ކުންފުނިން ވަނީ ވައުދުވެފައެވެ.
ސަޢުދީގައި މިހާރު ކުރިޔަށްދާ ރިޔާޒް ޑޭޓް ފެސްޓިވަލްގައި މި އާ ބުއިން އިފްތިތާހުކޮށްދެއްވީ ސައުދީގެ އެގްރިކަލްޗާ މިނިސްޓަރު އަބްދުއްރަހްމާން އަލް ފަދްލީ އާއި ތުރާތު އަލް މަދީނާ ކުންފުނީގެ ސީއީއޯ ބަންޑޭރު އަލް ކަހްތާނީއެވެ.
މި އުފެއްދުމަކީ ޑޭޓް ބޭސްޑް ކޮންސިއުމަބަލްސް އަށް އިންގިލާބީ ބަދަލެއް ގެނައުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އުފައްދާ އުފެއްދުމެކެވެ. ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ތުރާތު އަލް މަދީނާ ހާއްސަކޮށްފައި ވަނީ ކަދުރުން ލިބޭ އިނޮވޭޓިވް އުފެއްދުންތައް އުފެއްދުމަށް ކަމުން މިލާފް ކޯލާ އަކީ ބައިނަލްއަގްވާމީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ކޮލިޓީ މިންގަނޑުތަކަށް ފެތޭ ކަން ކަށަވަރުކޮށް، ހަރުދަނާ ދިރާސާތަކާއި ތަރައްގީގެ ނަތީޖާ ކަމަށް އެ ކުންފުނީގެ މަންދޫބުން ވަނީ ބުނެފައެވެ.
މުސްތަގްބަލުގައި އެ ކުންފުނިން ކަދުރު ބޭނުންކޮށްގެން އިތުރު އުފެއްދުންތައް ތަހުލީލުކޮށް ކަދުރުގެ ތަފާތުކަން ދައްކުވައިދޭ މިފަދަ އިތުރު އުފެއްދުންތައް އީޖާދުކޮށް ބާޒާރަށް ނެރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ތުރާތު އަލް މަދީނާގެ މަންދޫބުން ވަނީ ބުނެފައެވެ.
މިހާރު ކުރިއަށްދާ ރިޔާޒް ޑޭޓް ފެސްޓިވަލްގައި މީލާފް ކޯލާގެ ސާމްޕަލް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފެސްޓިވަލްގެ ބައިވެރިންނަށް ލިބުނުއިރު މި ކޯލާއަށް އާއްމުންގެ ފަރާތުން ލިބުނު ތަރުހީބު ވެސް ވަރަށް ރަނގަޅުކަމަށް މުންސިފްޑެއިލީގައި ވަނީ ބުނެފައެވެ.