ސިހުރުގެ މައްސަލައެއްގައި ހއ. ކެލާއިން 5 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އެމީހުން މިރޭ ދޫކޮށްލައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން "ސަން"އަށް ބުނީ ފުލުހުންނަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން ކެލާގެ ނުވަ ތަނެއް މިއަދު ބަލައި ފާސްކޮށްފައިވާކަމަށެވެ.
އަދި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ވެސް މައުލޫމާތުދިނެވެ.
ނަމަވެސް އެ ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.
ކެލާއިން މި ނޫހާ ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށަށް ގިނަ އަދަދެއްގެ ފުލުހުން އެރީ މިއަދު މެންދުރުގެ ވަގުތެއްގައި ަކމަށެވެ. އަދި ސިހުރުހަދާކަމަށް ތުހުމަތުކުރެވޭ މީހުންގެ ގެތައް ބަލައި ފާސްކޮށް ފޮތްތަކަކާ ތަކެތި އެ ގެޭގެއިން ނަގާފައި ވާކަމަށް ބުންޏެވެ.
"އެއްވެސް މީހަކު ރަށުން ބޭރަކަށް ނުގެންދޭ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ ދޫކޮށްލައިފި މިހާރު. އެމީހުން ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކާ އެއްޗެހި ފުލުހުން ނަގަފަ ވަނީ،" އޭނާ ބުންޏެވެ.
އޭނާ މައުލޫމާތު ދިން ގޮތުގައި ކެލާއަކީ ސިހުރު ކަންތައް ބޮޑުވެފައިވާ ރަށެކެވެ. އަދި އަބަދު ވެސް ސިހުރަށް ބޭސްކުރާ މީހުން އެރަށުގައި އުޅޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހަށް ސިހުރު ހެދިކަމުގެ މައްސަލައެއް ވެސް މިފަހުން ފެންމަތިވިއެވެ.
މަމްދޫހް 'މަރާލަން' ސިހުރު ހެދިކަމުގެ ތުހުމަތުގައި 60 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކުރިއެވެ.
ސިހުރުގެ މައްސަލަތައް ދޭތެރެއަކުން ރާއްޖޭގައި ފެންމަތިވެއެވެ.