ހުޅުމާލޭގައި މިކްސް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސް, ކޭޕާކް ފްލެޓް އިމާރާތްކުރުމަށް ޓަކައި ހަވާލުކުރި ކޮރެއާ ކުންފުނި "ހަންބޯ ކޮމްޕެނީ ލިމިޓެޑް" އަކީ އެ މަސައްކަތް ހަވާލުކުރަން ޝަރުތު ވެސް ހަމަވާ ކުންފުންޏެއް ނޫންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިންޓާނަލް އޮޑިޓަކުން ހާމަވެއްޖެއެވެ.
މީގެ ހަތް އަހަރުކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ވަނަ އަހަރު ހަންބޯއާ މަސައްކަތް ހަވާލުކުރިއިރު، އަދިވެސް އެ މަސައްކަތް ނުނިމެއެވެ. އެހެންވެ އެ ތަންތަން ގަތް މީހުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ.
އެހެންވެ އެ ކުންފުނި ޖަވާބުދާރީކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީގައި މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.
އެއާއެކު އެ މައްސަަލައިގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އެ މަސައްކަތް ހިނގަމުން އަންނަ ގޮތް ސާފުކުރުމަށް އެޗްޑީސީއާ ސުވާލުކޮށްލަފައެވެ. އެ ކުންފުނިން ވަނީ އަދިވެސް އެ މަސައްކަތް ކުރަނީ ހަންބޯ ކުންފުނިން ކަމަށް ޖަވާބުގައި ބުނެފައެވެ.
އެއާއެކު އެ މަޝްރޫއުގެ ތެރެއިން އެތަކެއް މީހަކަށް އެއް ޔުނިޓެއް ވިއްކައިފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ހެދި އިންޓާނަލް އޮޑިޓަކުން ދެ ކަމެއް ފާހަގަކުރެވުނު ކަމަށް އެޗްޑީސީން ބުންޏެވެ.
އެއް ކަމަކީ އެ ކުންފުނީގެ މުވައްޒަފެއްކަމަށްވާ އަބްދުލް ނާފިއުއަކީ އެ މަޝްރޫއު ހަންބޯ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން ހެދި އިވެލުއޭޝަން މަރުހަލާގައި ވެސް ހަރަކާތްތެރިވި މުވައްޒަފެއްކަން ފާހަގަކުރެވުމެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަންގެ އިންޓާނަލް އޮޑިޓުން ހަންބޯ ކުންފުނީގެ ޕްރޮޕޯސަލް ރީއިވެލުއޭޓް ކުރިއިރު ހަންބޯ ކުންފުންޏަށް ލިބޭ މާކްސް އިވެލުއޭޝަން ކްރައިޓީރިއާގައި ބަޔާންކުރާ އެންމެ ދަށް މިންވަރަށް ވެސް ނާރާ ކަން ހާމަވާކަމަށް އެޗްޑީސީން ބުންޏެވެ.
ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި ކަމުގެ ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)އާއި ޖައިޝާން ސައީދުގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
އެ މައްސަލައިގައި ދައުލަތުން މަންޑޭގެ މައްޗަށް 100އަށް ވުރެ ގިނަ ދައުވާ ކުރާއިރު، ޖައިޝާންގެ މައްޗަށް 98 ދައުވާއެއް ކުރެއެވެ.