ގްރޭޓާ މާލެ ސަރަޙައްދުގައި ހުރި ބިންތައް ފުރިފައިވާތީ، ރަސްމާލެ މަޝްރޫޢު ކުރިއަށް ނުގެންގޮސް މާލޭގެ ރައްޔިތުންނަށް އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މެމްބަރު މީކާއީލް ކުރެއްވި ސުވާލަކީ ގުޅީފަޅު، ގިރާވަރުފަޅު އަދި ގުޅުމާލެ ފޭސް ސްތިނަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ތަނުގައި އާބާދުވެވޭނެ ކަމަށް ދެކެނީ ކިހާ ތާރީޚެއްގައިތޯއާއި އަދި މިކަމަށް މިހާރު ބައިވަރު ހުރަސްތަކެއް އޮތްއިރު، ރަސްމާލެ ޕްރޮޖެކްޓް އިސްކަމެއް ދީގެން ކުރިއަށް ގެންދަވަނީ ކީއްވެތޯއެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، "ރަސްމާލެ މަޝްރޫޢަކީ ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢެއް" ކަމަށާއި، އެ މަޝްރޫޢު ކުރިއަށް ގެންދިއުމާ އެހެން މަޝްރޫޢުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ވަޒީރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި މިދިޔަ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހީގެ ހުރިހާ ބިމަކާއި، ގުޅީފަޅާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކޮށްފައެވެ. އެގޮތުން، ގިރާވަރުގެ 169 ހެކްޓަރުގެ ތެރެއިން 5,000 ގޯތި ނެގޭނެ ގޮތެއް ނުވިސްނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު މާލެ ސަރަޙައްދުގައި ރައްޔިތުންނަށް ބޭނުންވާ ފްލެޓް އެޅުމަށް ބޭނުންކުރާނެ އިތުރު ބިމެއް ނެތްކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މުޅި ގްރޭޓާ މާލެ ސަރަޙައްދުގައި ހުރި ހުރިހާ ތަނެއް އެއްކޮށްލައިގެން ވެސް އެންމެ ގިނަވެގެން އެޅޭނެ ކަމަށް ބެލެވެނީ 12,000 ފުލެޓެވެ.
"މިހާރު ހިއްކަމުންދާ ބިންތައް ރައްޔިތުންނަށް ގޯތި ބަހާފައި ހުރީމާ ރައްޔިތުންނަށް މިއޮތް ބޯހިޔާކަމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި ކޮންމެ ވެސް އެހެން ގޮތެއް ވެސް ހޯދަންޖެހޭ،" ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން ރަސްމާލެ މަޝްރޫޢަކީ މުސްތަޤުބަލަށްޓަކައި މި ވަގުތު ހިންގަން މަޖުބޫރު މަޝްރޫޢެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ގުޅީފަޅާއި، ގިރާވަރުފަޅު އަދި ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ އަދަދެއްގެ ފައިސާ ބޭނުންވާކަން ފާހަގަކުރައްވަމުން، އެ ފައިސާ ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް ސަރުކާރު ކުންފުނިތައް މެދުވެރިވެގެން އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.