ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ވެސް މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް އެ ކޯޓު އެއްމަސް ދުވަހުގެ ރިސެސްއަކަށް ގޮސްފިއެވެ.
ގާނުނުގައި އޮންނަގޮތުން، ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2025 ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ.
ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެއެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.
ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިމަހުގެ 18ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، ހަވީރު ވަނީ ތަޅުމުން ފާސްކޮށްފައެވެ. އިރުއްސުނު ވަގުތު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ.
މި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް މިދިޔަ އާދިއްތަ ދުވަހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ.
ގާނޫނުއަސާސީއަށް ގެނައި މައިގަނޑު ތިން އިސްލާހަކީ:
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
މާދަމާއިން ފެށިގެން ހައިކޯޓު ވެސް ރިސެސްއަށް ދާނެކަން އެ ކޯޓުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.