ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް، ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މިއަދު އިލްތިމާސް ކޮއްފިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެއެވެ.
ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
މެޓުން ލަފާކުރާގޮތުގައި ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރަކާއި ހަތް ފޫޓާ ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަ ފޫޓާ މެދެމުގައެވެ.
ހުޅަނގާއި ހުޅަނގުގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މޫސުން ގޯސްވުމުން މެޓުން ވަނީ މިއަދު މުޅި ރާއްޖެއަށް ހުދު ސަމާލު ވެސް ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ، މިއަދު މެންދުރު 12:30އިން ފެށިގެން މިރޭ 06:30އާ ހަމައަށެވެ.
ކަނޑުގަދަވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސް ކުރެއެވެ.
މީގެ ހަފުތާއެއް ކުރިންވެސް ވަނީ ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހިފައެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވެފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.