ބިހަކީ އަޅުގަނޑުމެންގެ ކެއުމުގައި ކޮންމެ ދުވަހަކު ވެސް ހިމަނާލަން ޖެހޭ ވަރަށް މުހިއްމު ބާވަތެކެވެ. ނަމަވެސް ބިހުގެ ގޮބޮޅި އަކީ ވަރަށް ގިނަ ބަޔަކު ކެއުމަށް ޖެހިލުންވާ އެއްޗެކެވެ.
ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް ދިއްލީ)ގެ ނިއުރޮލޮޖީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ޑރ.ޕްރިޔަންކާ ޝެހްރާވަތު ވިދާޅުވެފައިވާ ގޮތުގައި ބިހުގެ ގޮބޮޅިން ހަށިގަނޑަށް ލިބިދާނެ ގެއްލުންތަކާއި ފައިދާއާ ބެހޭގޮތުން ވަރަށް ތަފާތު ބަހުސްތައް ސިއްހީ ދާއިރާގެ އެކި ފަންތީގެ ބޭފުޅުންގެ މެދުގައި އަންނަނީ ކުރެވެމުންނެވެ.
އެހެންނަމަވެސް ބިހުގެ ގޮބޮޅި އަކީ ގިނަ ފައިދާތަކަކުން މުއްސަނދިވެފައިވާ އެއްޗަކަށް ވުމުން ގޮބޮޅި އުކާލުމުގެ ކުރިން ވިސްނާލަންޖެހޭ ކަމަށް ޑރ.ޕްރިޔަންކާ ވަނީ ވިދާޅުވެފައެވެ. ބިހަކީ ވަރަށް ގިނައިން ކެއުމުގައި ހިމަނާލަން އަޅުގަނޑުމެން ލޯބިކުރާ އެއްޗެކެޗެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ބާވަތަކަށްވާއިރު ބޮޑަށް ކެއުމަށް އިސްކަންދެވެނީ ވެސް ބިހުގެ ހުދު ބައި ކާންށެވެ.
ޑރ. ޕްރިޔަންކާ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި ވީޑިއޯއެއްގައި ވިދާޅުވެފައި ވަނީ ބިހުގެ ހުދު ބަޔަކީ، ޕްރޮޓީންސްއިން މުއްސަނދި ވިޓަމިން ބީ2 ގިނަ އަދަދަކަށް އެކުލެވޭ ބައެއް ކަމަށެވެ. ހަމައެއާއެކު ބިހުގެ ގޮބޮޅި އަކީ ހަށިގަނޑަށް ބޭނުންވާ މުޅީން ތަފާތު ވިޓަމިންސް އާއި މިނެރަލްސްއިން މުއްސަނދިކަން ލިބިފައިވާ ބާވަތެއް ކަމަށް ޕްރިޔަންކާ ވަނީ މި ވީޑިއޯގައި ވިދާޅުވެފައެވެ.
އޭގެތެރޭގައި ފެޓް ސޮލިއުބަލް ވިޓަމިންސް ކަމަށްވާ ވިޓަމިން އޭ، ވިޓަމިން އީ، ވިޓަމިން ކޭ އަދި އޮމެގާ3 ހިމެނެއެވެ. މި ވިޓަމިންސް ތަކަކީ ފެޓީ އެސިޑްކަމަށް ވިޔަސް އަޅުގަނޑުމެންގެ އިމުއިނިޓީ ސިސްޓަމްއަށް އިތުރު ބޫސްޓެއް މިއިން ގެނެސްދޭން އެހީތެރިވެދޭ ކަމަށް ޑރ. ޕްރިޔަންކާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ގޮބޮޅިއާ އެކު ބިހެއް ކެއުމުން ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންސް، ވިޓަމިން އަދި މިނެރަލްސް އެއްވަރަކަށް ލިބެން މަގުފަހިވާނެ ކަމަށް ޑރ. ޕްރިޔަންކާ ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ބިހުގެ ގޮބޮޅިއަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ އިނގިލީގެ ނިޔަފަތި ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ސެލެނިއަމް ކިޔާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ.
މީގެ އިތުރުން ޕޮޓޭސިއަމް، ސޯޑިއަމް، ޒިންކް، މެގްނީސިއަމް، ފޮސްފަރަސް އަދި ދަގަނޑުގެ މާއްދާތައް ބިހުގެ ގޮބޮޅީގައި ހިމެނެއެވެ.
ކޮންމެ ބާވަތަކީ ވެސް އެ ކެއުމަށް އިރުޝާދު ދެވިފައިވާ މިންވަރަށްވުރެ މާގިނައިން ކައިފިނަމަ އޭގެ ނުރައްކާ އަސަރު ހަށިގަނޑަށް ކޮށްފާނެ އެއްޗަކަށްވާއިރު ޑރ. ޕްރިޔަންކާ ވިދާޅުވާ ގޮތުގައި ދުވާލަކު ބިހެއް ގޮބޮޅިއާ އެކު ކެއުމަކުން އަދި ހަށިގަނޑަށް ގެއްލުމެއް ނުލިބޭނެއެވެ.