އުފަލާއި ހިތްހަމަޖެހުމަކީ ކޮންމެ އިންސާނަކަށްވެސް ލިބެންޖެހޭ އަސާސީ ދެސިފައެވެ. މުޅި ޢުމުރުގައިމެ ލިބި ލިބި ހުންނަން ބޭނުންވާ އިޙުސާސެކެވެ. އުފާވެރިކަން އާލާކުރުމުގެ ގޮތްތަކުގެ ތެރޭގައި އިންސާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ލޯބި، ދުޅަހެޔޮ ގުޅުންތަކާއި، ވަފާތެރިކަން އަދި ފަހި ވިސްނުން މުހިންމެވެ.
ސަން ޕޮޑްކާސްޓުން ގެނެސްދޭ "ސްމައިލް ޝިހާބް" ގެ ހަތަރުވަނަ އެޕިސޯޑްގެ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ އޭވިއޭޝަން ދާއިރާގައި ކާމިޔާބުކަމާއެކު ޚިދުމަތް ކުރައްވާތާ 30 އަހަރު ވެފައިވާ މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑު އެއާލައިން އެމިރޭޓްސްގެ ޖެނެރަލް މެނޭޖަރު ރިދާ އަލްޔާދެވެ. ސްރީލަންކާއަށް އުފަން ރިދާ ދިވެހިރާއްޖޭގައި މަސައްކަތް ކުރައްވާތާ 12 އަހަރު ވެއްޖެއެވެ.
ރިދާ ހާމަކުރެއްވި ގޮތުގައި، އޯލެވެލް ނިންމުމާއެކު އޭނާގެ ބައްޕަ އޭނާ ޤަތަރަށް ގެންދެވިއެވެ. އެއީ ބައްޕަ މަސައްކަތް ކުރައްވަމުން ގެންދެވި ޤައުމެވެ. އެތަނުގައި ޓްރެވެލް އެޖެންސީއެއް ހިންގަވާ ބައްޕަގެ ރަޙްމަތްތެރިއެއްގެ އަރިހަށް ރިދާ ގެންދަވާ، ބައްޕަ އެދިވަޑައިގަތީ ރިދާއަށް މަސައްކަތެއް ޙަވާލުކޮށްދެއްވުމަށެވެ. ނަމަވެސް ރަޙްމަތްތެރިޔާ ވިދާޅުވީ އެވަގުތު އޮފީސް ބޯއި އެއްގެ މަޤާމު ފިޔަވައި އެހެން ވަޒީފާއެއް ނެތް ކަމަށެވެ. އެ ފުރުޞަތު ވެސް ރަނގަޅުވާނެކަމަށް ބައްޕަ ވިދާޅުވުމާއެކު، ރިދާގެ ކެރިއަރު ފެށުނީ އޮފީސް އެސިސްޓެންޓްގެ މަޤާމުންނެވެ.
ރިދާއަކީ ސްކޫލް ދައުރުގައި، މުޅި ވިސްނުން މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އަމާޒުކުރި ޒުވާނެކެވެ. ނަމަވެސް، އުމުރުން 17 އަހަރުގައި މަސައްކަތުގެ ދާއިރާއަށް ނިކުތުމާއެކު، ރަނގަޅު ތައުލީމެއް ހާސިލުކުރެވިފައި ނެތްކަމުގެ އިހުސާސް އޭނާއަށް ކުރެއްވުނެވެ. މިހިސާބުން ފެށިގެން، އަމިއްލަ ކުރިއެރުމަށްޓަކައި އިތުރަށް ތަޢުލީމު ޙާޞިލުކުރުމުގެ މުހިންމުކަން ރިދާއަށް ވިސްނިވަޑައިގަތެވެ. އަދި ރަނގަޅު ތައުލީމެއް ހާސިލުކުރުމުގެ މުހިންމުކަން ޤަބޫލުފުޅުކުރެއްވުނުކަމުގައި ރިދާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން، މަސައްކަތާ ގުޅުންހުރި ދާއިރާތަކުން އެކި ކޯސްތައް ފުރިހަމަކުރެއްވިއެވެ.
އޭނާގެ ވިޔަފާރީގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި، ސޭލްސް، މާކެޓިންގ އަދި ކަސްޓަމާ ކެއާ ފަދަ މުހިންމު ދާއިރާތަކުން ތަމްރީނު ހޯއްދެވިއެވެ. ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މަސައްކަތްތައް ހުއްޓުމަކަށް އައި ދުވަސްވަރުގައި ވެސް، އަމިއްލަ ތަރައްޤީއާއި ކުރިއެރުމަށް އިސްކަންދެއްވާ، އިތުރު ކޯސްތަކުގައި ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން، މުސްތަޤުބަލުގައި އޮންލައިން މާކެޓިންގގެ މުހިންމުކަން ވިސްނިވަޑައިގެން، އެ ދާއިރާއިން ވެސް ތަޢުލީމު ހާސިލުކުރެއްވިއެވެ.
އޭނާގެ ޝަޚްޞިއްޔަތު ބިނާކުރުމުގައި ކުޑައިރުއްސުރެ ފޮތްކިޔުމުގެ ސަބަބުން ކުރި އަސަރުގެ މުހިންމުކަން ރިދާ ފާހަގަކުރެއްވިއެވެ. އަދި، ވަރަށް ގިނައިން ފޮތް ކިޔުއްވާ ބޭފުޅެއްކަމުގައިވާ އޭނާގެ ބައްޕަގެ ނަމޫނާއިން މި އާދަ ރިދާގެ ކިބައިގައި ހަރުލިކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ކުޑައިރު ބައްޕަ ކިޔަން ބާރުއެޅުއްވި ބައެއް ފޮތްތައްވެސް ކިޔާފައިވާނެކަމަށާއި، އޭގެ ތެރޭގައި ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ ފޮތްތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
މައިންބަފައިން ދެކެ ނުހަނު ލޯބިވާކަމަށާއި، ޚާއްޞަކޮށް މަންމަ ދެކެ ޖެހިލުންވާކަން ފާހަގަކުރެއްވިއެވެ. އަދި ޝަޚްޞިއްޔަތު ބިނާކުރުމުގައި ގިނަ ކަންކަން ދަސްވެފައިވަނީ ބައްޕަގެ ކިބައިން ކަމަށް ވިދާޅުވިއެވެ. އުފަލާއެކު އޭނާ ހާމަކުރެއްވި ގޮތުގައި، އަޚްލާޤީ ގޮތުން އިމުން ބޭރުނުވުމަކީ އޭނާގެ ބައްޕަ ވަރަށް ބޮޑަށް ބާރުއެޅުއްވި ކަމެކެވެ.
ރިދާގެ ކުޑައިރުގެ އެންމެ އުފާވެރި ހަނދާނެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އުމުރުން 12 އަހަރުގައި ބައްޕަ ކުވެއިތަށް ބަދަލުވުމާ ގުޅިގެން ލިބުނު ތަޖުރިބާއެކެވެ. އެއީ ފޯނުބޫތަކަށް ގޮސް، އުނދަގުލުން ނަމަވެސް ބައްޕައާ ފޯނުން ގުޅައި ވާހަކަދެއްކުމުން ލިބުނު އުފާވެރި އިޙްސާސެވެ. އެ ދުވަސްވަރު ބައްޕަ މަތިން ވަރަށް ހަނދާންވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ރިދާއަކީ އޯގާތެރިކަމާއި ހެޔޮ ސިފަތަކުގެ ވެރި ބޭކަލެކެވެ. މި ސިފަތައް ލިބިވަޑައިގަތް ގޮތާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ ވިދާޅުވީ އިސްލާމްދީނުގެ އުގެނުންތަކުން މި ސިފަތައް އުނގެނިވަޑައިގަތް ކަމަށެވެ. މިސާލެއްގެ ގޮތުން، އޭނާ ޙަވާލާދެއްވީ "މީހެއްގެ ހެޔޮކަން ދެނެގަތުމަށް އޭނާއާއެކު އުޅޭ މީހުންނަށް ބަލާށެވެ" މި ޙަދީޘްފުޅަށެވެ. އަދި "ތިމާ ރަނގަޅުވާން އެދޭނަމަ ހެޔޮލަފާ މީހުންނާއެކު އުޅޭށެވެ" މިފަދައިން އިތުރު ރަސުލާ ވިދާޅުވި ޙަދީޘްފުޅަކުން ވެސް މިސާލު ދެއްވިއެވެ. މީގެއިތުރުން، ވިޔަފާރީގެ ދާއިރާއިން ވެސް މިސާލު ދެއްވަމުން، ކުރިއެރުމަށް ބޭނުންވާނަމަ ތިމާއަށްވުރެ މަތީ މަޤާމުތަކުގައި ތިއްބަވާ ރަނގަޅު ނަމޫނާތަކުން ދަސްކުރުމަށް އިރުޝާދު
ރިދާއަށް ހިތްވަރުދީ ކުރިއެރުވުމަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ ތެރެއިން އޭނާ އެންމެ އިސްކޮށް ފާހަގަކުރެއްވީ އޭނާގެ ބައްޕަގެ ނަންފުޅެވެ. ދިވެހިރާއްޖެއިން މިފަދަ މިސާލެއް ނަންގަވާނަމަ، ފާހަގަކުރައްވާނީ އަފީފުކަމަށާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ބަރަކް އޮބާމާ ކަމަށް ވިދާޅުވިއެވެ. އަދި އެމެރިކާގެ ކާމިޔާބު ދަނޑުވެރިއެއްގެ ވާހަކަ ވެސް ހިއްސާކުރެއްވިއެވެ. މި ހުރިހާ ވާހަކަތަކުން ލިބޭ ޢިބްރަތުން، އެހެން މީހުންނަށް އެހީތެރިވުންކަމުގައި ފާހަގަކުރައްވާ، އެކަމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ރާއްޖޭގެ ތާރީޚާ ގުޅޭގޮތުން ރިދާ ކިޔުއްވި ފޮތަކުން ފާހަގަކުރެވޭ މުހިންމު ނުކުތާއެއް ބަޔާންކޮށްދެއްވަމުން، 1968 ވަނަ އަހަރު ޔޫއެންޑީޕީއިން ހެދި ދިރާސާއެއްގައި، ދިވެހިރާއްޖެއަކީ ނާޒުކު ޤައުމެއްކަމަށާއި، ތިމާވެށީގެ ގޮތުން ދިރިއުޅުމަށް އެކަށީގެންނުވާ ތަނެއްކަމަށް ފާހަގަކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ހިތްވަރުގަދަ ދިވެހިންތަކެއް އިސްނަގައިގެން 1972 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތު ފަށާ، ކުރިއަރުވައި، ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަކީ އުފާވެރި ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ. މިއީ މުޅި ދުނިޔެއަށް ދެއްކި ފުރިހަމަ މިސާލެއްކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި ބޭނުންވާ އަދި އެންމެ އެދެވޭ ނަމޫނާއަކީ މިއީކަމުގައި ވިދާޅުވިއެވެ.
މަސައްކަތުގެ މާޙައުލުގައި، ޚާއްޞަކޮށް މެދު އިރުމަތީގެ ޤައުމުތަކުގައި މަސައްކަތްކުރެއްވި ދުވަސްވަރު، ތަފާތު ޘަޤާފަތްތަކުގެ މީހުންނާ ބައްދަލުވެ، ޙަޔާތުގެ މުހިންމު ފިލާވަޅުތަކެއް ދަސްވިކަމަށް ބަޔާންކުރެއްވިއެވެ. މީގެ ތެރޭގައި ޙަޔާތުގެ މަޤްޞަދުތައް ދެނެގަތުމާއި، މާތްﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެކި ޤައުމުތަކަށް ކުރެވުނު ދަތުރުތަކުގައި ފެނުނު ތަފާތު ދިރިއުޅުމުގެ ޙާލަތްތަކުން، ލިބިފައިވާ ނިޢުމަތްތަކަށް ޙަމްދުކުރުމުގެ މުހިންމުކަން އިތުރަށް ވިސްނިވަޑައިގަތްކަމުގައި ވެސް މިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަކުގައި ދިރިއުޅޭނެ ގޮތެއް ނެތް މިލިޔަނުން ގުނާލެވޭ މީހުން ތިބިކަން ފާހަގަކުރިއެވެ. އޯގާތެރިކަމާއި އެކު އަޅާލުންބޭނުންވާ ފަރާތްތަކެވެ. އެހެންކަމުން ހެޔޮކަމާއި ޞަދަޤާތްކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި، ހެޔޮކަމެއް ކޮއްފިނަމަ މިހެޔޮކަންތައް އަނބުރާ ތިމާއަށްވެސް ލިބޭނެކަން ހަނދާންކޮށްދެއްވިއެވެ.
ރިދާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކުން ޞަދަޤާތް ކުރުމުގެ މުހިންމުކަން ވިސްނަން ޖެހެއެވެ. ގަހެއް އިންދުމުގެ ފުރުޞަތު އޮތްނަމަ އިންދަންވާނެއެވެ. ޢިލްމު ފެތުރުމުގެމަގު ފަހިވެފައިވާނަމަ އެކަން ކުރަންވާނެއެވެ. ހިނިތުންވުމަކުން ނަމަވެސް ޞަދަޤާތެއް ކުރުމަށް އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. ކޮންމެ ހެޔޮ ޢަމަލަކުންވެސް ދުނިޔެއަށް ހަމަޖެހުން ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. ކުޅަދާނަކަން ލިބިފައިވާ މީހުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވާންވާނެއެވެ. ގިނަ މީހުންނާ ބައްދަލުވުމުން ދުނިޔެއަށް ލޯ ހުޅުވި، ހޭލުންތެރި މީހަކަށް ވެވެއެވެ. ޙަޔާތުގައި މަޤްޞަދުތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. އަދި މީސްތަކުންނަށް ހަމަޖެހުން ގެނެސްދިނުމަށް މަސައްކަތް ކުރުމާއެކު، ޝުކުރުވެރި ވާންވާނެކަން ރިދާ ބަޔާންކޮއްދެއްވިއެވެ.
ރިދާ ވިދާޅުވިގޮތުގައި، މިއަދު ގިނަ މީހުން އެންމެ އިސްކަމެއް ދެނީ ސޯޝަލްމީޑިއާގެ މަންސަތަކުގައި މީހުންދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކަށެވެ. މި ކަންކަމުން ދުރުވެ، ޙަޤީޤީ ދުނިޔޭގައި އުޅުމަކީ މުހިންމު ކަމެކެވެ. އުފާވެރިކަން ފެތުރުމަށްޓަކައި އީޖާބީ ވިސްނުން ކުރިއަށް ނެރެން ޖެހެއެވެ. ރިދާ ޤަބޫލުކުރާ ގޮތުގައި މަސައްކަތުގެ މާޙައުލުގައި އުފާވެރިކަން އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ޤައުމުގެ ދޮރާށީގެ ފާރަވެރިންގެ ގޮތުގައި ތިބޭ އިމިގްރޭޝަންގެ މުވައްޒަފުން ހިނިތުންވުމާއެކު ޚިދުމަތް ދިނުމަކީ އިސްކަންދޭ ކަމަކަށް ހަދަންޖެހެއެވެ. އަލަށް ވަޒީފާއާ ގުޅޭ ޒުވާން މުވައްޒަފުންނަށް ގިނަ ބޭނުންތެރި އުކުޅުތައް ދަސްކޮށްދޭން ޖެހެއެވެ. މިކަން ކުރެވޭނީ ތަނުގައި ހަރުދަނާ، އަދި ނަމޫނާ ވެރިން ތިބެގެންނެވެ. ރިދާ ދެކެވަޑައިގަންނަވާގޮތުގައި ގުޅުން ބަދަހި، ޒިންމާދާރު ޓީމެއް އޮތުމަކީ މުއައްސަސާއެއްގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެކެވެ.
ޒުވާނުންނަށް ދޭނެ މެސެޖަކާ ބެހޭގޮތުން ކުރެވުނު ސުވާލަށް ރިދާ ވިދާޅުވީ، ވަގުތުގެ މުހިންމުކަން ވިސްނައިދިނުމަކީ މިހާރު ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހިފައިވާ ކަމެއް ކަމަށެވެ. އަޅުގަނޑުމެންނަށް ނޭނގި ތިއްބާ ޙަޔާތުގެ ދުވަސްތައް ނިމިގެންދާތީ، ހެޔޮގޮތުގައި ވަގުތުގެ ބޭނުން ހިފުމަށް އިރުޝާދު ދެއްވިއެވެ. ފަސް ނަމާދު، ކޮންމެ ނަމާދެއް ވެސް އެ ނަމާދުގެ ވަގުތުގައި ކުރުމަށް އަންގަވާފައިވާ މަޤްޞަދަށް އިޝާރާތްކުރައްވަމުން، ނަމާދު ޤާއިމުކުރުން އާދަކުރުމަށާއި، މަސައްކަތެއް ކުރުމުގައި މަޝްޢޫލުވެ އުޅުން އިޚްތިޔާރުކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ. ނަފްސުގެ ދުޅަހެޔޮކަމަށް އީޖާބީ ވިސްނުމުން ވިސްނައި، ހެޔޮ ކަންކަމުގައި ކުރިއަރައި ދިއުމަށާއި، އިންތައް ފަހަނައަޅައި ނުދިއުމަށް އިރުޝާދު ދެއްވިއެވެ. ވަގުތުތައް ބަހާލައިގެން ހެޔޮގޮތުގައި ބޭނުންކުރުމަށް އެދިވަޑައިގަތެވެ.
ރިދާ އިތުރަށް ވިދާޅުވީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމުން އިސްލާމްދީނުގެ ފޮތްތައް ކިޔައި ދަސްކުރުމަށެވެ. އެންމެ މަތިވެރި ނަމޫނާ ކަމުގައިވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަމޫނާގައި ހިފުމަށާއި، ޚަދީޖާ ރަޟިޔަﷲ ޢަންހާގެ މަތިވެރި ޚިދުމަތްތައް އުނގެނި ދަސްކުރުމަށް އެދިވަޑައިގަތެވެ. މީގެ އިތުރުންވެސް ޞަޙާބީންގެ މިސާލުން އޭނާ މިސާލުތައް ނެންގެވިއެވެ. ޚާއްޞަކޮށް ޞަޙާބާ އުންމު ޢުމާރާ ނުސައިބާ ބިންތު ކަޢްބް ގެ ނަން ފާހަގަކުރެއްވިއެވެ. މި ޒަމާނުގައި އިސްލާމްދީނަށް ބަދުބަސް ރައްދުވުން އިޖުތިމާޢީ މީޑިއާގައި އިތުރުވެފައިވާކަމަށާއި، އެއީ ވަރަށް ދެރަ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިފަދައިން ވާހަކަދައްކަނީ ރަނގަޅަށް އިސްލާމްދީން ނޭނގޭތީކަމާށައި، އެހެންކަމުން، ދީނަށް އަހުލުވެރިވުމަށް އިލްތިމާސް ކުރެއްވިއެވެ.
ނިންމާލަމުން، އޭނާ ވަރަށް މާނަފުން މެސެޖުތަކެއް ދެއްވިއެވެ. އޭގޮތުން
- ކޮންމެ ކަމެއްގައިވެސް ރަނގަޅު އަޚްލާޤެއް ގެންގުޅުން.
- ޙަޔާތުގައި މަޤްޞަދެއް ކަނޑައަޅައިގެން އެ މަޤްޞަދު ޙާޞިލްކުރަން މަސައްކަތްކުރުން.
- އަމިއްލަ ނަފްސަށް ޔަޤީންކަން ބޭއްވުން.
- ތިމާގެ ފަރާތުން އަނެކާއަށް ހެޔޮ ފޯރުކޮށްދިނުން.
- ތިމާއަށް އެނގޭ ހުނަރެއް އަނެކާއަށް ދަސްކޮށްދިނުން.
- ބާރުވެރިވުމަށް އުނގެނުމާއި އުނގަންނައިދިނުން.
- ހިނިތުންވުމަކުން އަނެކާ އުފާވެރިކުރުން.
- އީޖާބީ ވިސްނުން ފެތުރުން.
މި ނަސޭހަތްތަކަކީ ޒުވާނުންނަށް އަމާޒުކޮށް، އެމީހުންގެ ޙަޔާތުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށް ބާރުއަޅާ، އިސްލާމީ އަޤީދާއާ އެއްގޮތްވާ ގޮތުގެ މަތިން ދެއްވާފައިވާ ވަރަށް އަގުހުރި ނަސޭހަތްތަކެކެވެ. މި ނަސޭހަތްތަކަށް ޢަމަލުކުރުމަކީ ފަރުދީ ގޮތުންނާއި މުޖުތަމަޢެއްގެ ގޮތުން ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވާނެ ކަމެކެވެ.