ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ފުރަތަމަ އިސްލާމިކް ވިސާ ކްރެޑިޓް ކާޑު މިއަދު ތައާރަފު ކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކީ، ކަސްޓަމަރަށް ޚިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެއް ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރުމަށް ފަސޭހަކަމާއެކު މި ކާޑު ބޭނުންކުރެވޭނެ ކަމަށާއި މި ކާޑުން ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށް ވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފްލައިޓް ޓިކެޓް ނެގުމާއި ކާރު ކުއްޔަށް ނެގުމުގެ އިތުރުން ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗާ ހޯދުމަށް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
އެ ކާޑު ތައާރަފު ކުރުމަށް ބޭއްވި ހަފުލާގައި ބޭންކުގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑެއް ތައާރަފުކުރުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ.
"ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ޚިދުމަތްތަކާ އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޚިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ޚާއްސަ އަދި ރައްކާތެރި ޚިދުމަތެއް ފޯރުކޮށްދިނުން." އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް އިސްލާމިކްއިން އަންނަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު، އައު ޚިދުމަތްތައް ތައާރަފުކުރަމުންނެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އެ ބޭންކުންވަނީ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑެއް ރާއްޖެއަށް ތައާރަފުކޮށްފައެވެ.
ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކާ ގުޅޭ އިތުރު މައުލޫމާޓު އެ ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.