ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ލީގާ ޕޯޗުގަލް ބެންފީކާއިން ފްރެންޗް ލީގު އާންގެ އޭއެސް މޮނާކޯ ބަލިކޮށްފިއެވެ.
މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗު ބެންފީކާއިން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 3-2 އިންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި މޮނާކޯއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލީސް ބެން ސެގީރެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމުން ވެސް ތަނަވަސްކުރިއެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ބެންފީކާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވެންގެލީސް ޕަވްލިޑިސްއެވެ. މި ލަނޑު ކާމިޔާބުކުރިތާ 10 މިނެޓު ފަހުން މޮނާކޯގެ ވިލްފްރެޑް ސިންގޯއަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމާ އެކު މެޗު އެ ޓީމަށް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ބެލެވިގެންދިޔައެވެ. ނަމަވެސް، ދެން ފެނުނީ މެޗުގެ 67 ވަނަ މިނެޓުގައި ސޮއުންގޯޓޫ މަގާސާ ކާމިޔާބުކުރި ލަނޑާ އެކު މޮނާކޯއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި ތަނެވެ.
މެޗުގައި ބެންފީކާއިން ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ 84 ވަނަ މިނެޓުގައި އާތާ ކަބްރާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުން ބެންފީކާ މޮޅުވި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޒެކީ އަމްޑޫނީއެވެ. މެޗުގައި ބެންފީކާއިން ކާމިޔާބުކުރި ފަހު ދެ ލަނޑު ޖެހުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވަނީ އެންޖެލް ޑި މާރިއާއެވެ.
މި ކާމިޔާބީއާ އެކު ބެންފީކާ މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު 14 ވަނައަށް ކުރިއަށް ޖެހިލިއިރު މަނާކޯ އޮތީ 10 ޕޮއިންޓާ އެކު އަށްވަނައިގައެވެ.
މުބާރާތުގައި ފްރެންޗް ލީގު އާންގެ ލީލްއާ އިޓާލިއަން ސެރީއާގެ ބޮލޯނިއާ ބައްދަލުކުރި މެޗު ރަށުން ބޭރުގައި 2-1 އިން ކާމިޔާބުކޮށްފައިވަނީ ލީލްއެވެ. މެޗުގައި ލީލްއިން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެންގާލް އަޔެލް މުކާއުއެވެ. އަދި، ބޮލޯނިއާއިން ކާމިޔާބުކުރި ލަނޑު ޖަހައިދިނީ ޖޯން ލުސޫމީއެވެ.
މި ކާމިޔާބީއާ އެކު ލީލް 10 ޕޮއިންޓާ އެކު 12 ވަނައަށް ކުރިއަށް ޖެހިލާފައިވާއިރު ބޮލޯނިއާ އޮތީ އެއް ޕޮއިންޓާ އެކު 33 ވަނައިގައެވެ.