އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން މިދިޔަ ހަފްތާ ނެރުނު އަމުރު އިސްތިއުނާފް ކުރާނެ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އަދި އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުތައް ސަސްޕެންޑް ކުރުމަށް ވެސް ކޯޓުގައި އެދިފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އައިސީސީން މިދިޔަ ހަފުތާ ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރު ކުރުމަށް އަމުރު ނެރުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތް، ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ މައްސަލައިގައެވެ.
ނަތަންޔާހޫ ވަނީ އެ ކޯޓަކީ ޔަހޫދީންނާ ދެކޮޅަށް މަސައްކަތްކުރާ ކޯޓެއް ކަމަށް ތުހުމަތު ކުރައްވައި އިސްރާއީލު ދިފާއު ކުރުމަށް ފަސްނުޖެހޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ނަތަންޔާހޫގެ އޮފީހުން ބުނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު [އައިސީސީ]ގެ އިހުތިސާސާއި ހައްޔަރުކުރަން ނެރެފައިވާ އަމުރުތަކުގެ ސައްހަކަމަށް އިސްރާއީލުން ޗެލެންޖް ކުރާނެ ކަމަށެވެ.
ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ޟައީފް ހައްޔަރު ކުރުމުގެ އަމުރެއް ވެސް އައިސީސީން ނެރެފައިވެއެވެ. އިސްރާއީލުން އޮގަސްޓް މަހުގެ ކުރީކޮޅު ބުނީ ޖުލައި މަހު ޣައްޒާގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި ޟައީފް މަރާލާފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއިން އޭނާ މަރުވިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މި މަހުގެ 21 ވަނަ ދުވަހު އައިސީސީން ބުނީ ނިޒާމީ ގޮތެއްގައި ރާވައިގެން މީހުން ބަނޑަށް ޖެއްސުމާއި އިންސާނިއްޔަތާ ހިލާ އަމަލުތައް ހިންގައި އަދި ފު މީހުން މެރުމާއި އަނިޔާ ކުރުމާއި އެނޫންވެސް ލާއިންސާނީ އަމަލުތަކުގެ ޖިނާއީ ޒިންމާ ނަތަންޔާހޫ އާއި ގަލަންޓް އުފުލަން ޖެހޭނެ ކަމަށެވެ.