ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް އެއްވެސް ފުލުހަކު ފަހަތަށް ނުޖެހުމަށް ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު މިއަދު އިލްތިމާސް ކުރައްވައިފިއެވެ.
ސީޕީ މިފަދައިން އިލްތިމާސްކުރެއްވީ ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔަތުގައެވެ. މި ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލު ރައީސް ހަސަން ޒަރީރުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުގެ ރައްޔިތުންނާ ގުޅިގެން، ކުށްކުރުން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށާއި ކުށް އުފެދުމުގެ ކުރިން، ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރުން ކަމަށެވެ.
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުން ގާއިމުވެތިބުން މުހިންމުކަމަށާއި ފުލުހުންގެ ގާނޫނުން ވެސް އެކަން ލާޒިމުކުރާ ކަމަށް ސީޕީގެ ވާހަކައިގައި ވިދާޅުވިއެވެ.
"މި ރަށުގައި ތިބޭ ފުލުހުންނަށް އަޅުގަނޑު ދަންނަވައިލާނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތިޔައިން އެއްވެސް ފުލުހެއް ފަހަތަށް ނުޖެހުމަށް." ސީޕީ ސުޖާއު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ފުލުހުންގެ އިތުރުން ބ. އަތޮޅު ކައުންސިލު ރައީސާއި ކަމަދޫގައި ހުރި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕޮލިހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޕޮލިސް ޕޯސްޓުތައް ގާއިމުކުރަމަށް މަސައްކަތްކުރަމުންއެވެ.