ބޮލީވުޑްގެ އެކްޓަރު ވިޖޭ ވަރުމާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ ތަމަންނާ ބާޓިއާ ކައިވެންޏަށް ތައްޔާރު ކަމަށާއި ކައިވެނި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ބުނެފައިވާ ގޮތުގައި ދެ ތަރިން އަންނަނީ ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކައިވެންޏަށްފަހު މުމްބާއީގައި ދިރިއުޅޭނެ އެޕާޓްމަންޓެއް ވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ބުނެފައި ވަނީ ބަތަލާގެ ދިރިއުޅުން ވަރަށް އުފާވެރި ކަމަށާއި ކައިވެންޏަށް ތައްޔާރު ކަމަށެވެ.
ކައިވެންޏަށް ފަހު ވެސް ބަތަލާ ފިލްމީ ދާއިރާއިން ފެންނާނެ ކަމަށް ބުނަމުން ކައިވެންޏަކީ އަމިއްލަ ޒާތީ ދިރިއުޅުމުގެ މުހިއްމު ހިއްސާއެއް ނަމަވެސް އޭގެ އަސަރު ޕްރޮފެޝަނަލް މަސައްކަތްތަކަށް ކުރުމުގެ ފުރުސަތު ނެތް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ތަމަންނާ އާއި ވިޖޭގެ ލޯބީގެ ގުޅުން ފެށުނީ ދެ ތަރިން އެކީގައި މަސައްކަތް ކުރި އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީ 2"އިންނެވެ.
ކުރިއަށް އޮތްތަނުގައި ވެސް ދެ ތަރިންނަށް ކަމުދާ ކަހަލަ ސްކްރިޕްޓެއް ލިބިއްޖެނަމަ އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ދެ މީހުންގެ އެބަހުރި ކަމަށް ތަމަންނާ ވަނީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.
ތެލުގޫ ޚަބަރުތައް ގެނެސްދޭ 123ތެލުގޫ ނޫހުގައި ބުނެފައިވާ ގޮތުން ތަމަންނާ އާއި ވިޖޭ އަންނަނީ އަންނަ އަހަރުތެރޭ ކައިވެނި ކުރުމަށް ތައްޔާރުވަމުންނެވެ.
މިކަމާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ދެ ތަރިންގެ ފަރާތުން ދައްކާފައެއް ނުވެއެވެ. ތަމަންނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޖޯން އަބްރަހަމް މުހިއްމު ރޯލް ކުޅުނު ފިލްމު "ވެދާ"ގެ ރޯލަކުންނެވެ. ބަތަލާގެ އެންމެ އަވަހަށް ރިލީޒްވާނެ ފިލްމަކީ މި މަހުގެ 29ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާ ކުރާ ފިލްމު "ސިކަންދަރު ކާ މުގައްދިރު"އެވެ.