ފިލްމު 'ކަލްކީ'ގެ ސީކުއަލްއިން ދީޕިކާ ފެންނާނެ

ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ޖޫން މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ތެލުގޫ ސައިންސް ފިކްޝަން ފިލްމު "ކަލްކީ 2898 AD" ގެ ސީކުއަލްއިން ބަތަލާ ދީޕިކާ ޕަދުކޯން ފެންނާނެކަން ކަށަވަރުވެއްޖެއެވެ.

ޑައިރެކްޓަރު ނާގް އަޝްވިންގެ މި ފިލްމުގައި ދީޕިކާ ފެނިފައި ވަނީ މާބަނޑު އަންހެނެއްގެ ރޯލްއިންނެވެ. އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ދީޕިކާ ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމާއެކު ގިނަ ބަޔަކު އުއްމީދުކުރީ ބަތަލާގެ ފިލްމެއް ރިލީޒްވުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ.

އެހެންނަމަވެސް "ކަލްކީ"ގެ ސީކުއަލްއިން ދީޕިކާ ފެންނާނެ ކަމަށާއި ނަމަވެސް ފިލްމުގައި ބަތަލާގެ މަންޒަރުތައް މަދުވާނެ ކަމަށް ޕްރޮޑިއުސަރުން ކަމަށްވާ ޕްރިޔަންކާ ދަތު އަދި ސްވާޕްނާ ދަތު ވަނީ ބުނެފައެވެ.

ފިލްމު "ކަލްކީ"ގެ ޕްރޮމޮޝަން ހަފްލާއެއްގައި އެ ފިލްމުގެ ތަރިން ބައިވެރިވަނީ--ފޮޓޯ/ޕިންކްވިލާ

އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާގައި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން މި ދެ ޕްރޮޑިއުސަރުން ބުނެފައި ވަނީ ފިލްމުގެ 35އިންސައްތަ ޕްރީ ޕްރޮޑަކްޝަން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ހަމައެއާއެކު މި ސީކުއަލް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ވަރަށް ކުލަގަދަކޮށް ރިލީޒްކުރުމަށް ނިންމާފައިވާ ކަމަށް ޕްރިޔަންކާ އާއި ސްވާޕްނާ ވަނީ ބުނެފައެވެ.

ދީޕިކާގެ އިތުރުން އަމީތާބް ބައްޗަން، ޕްރަބާސް އަދި އިތުރު އެހެން ތަރިން ވެސް ސީކުއަލްއިން ފެންނާނެ ކަމަށް މި ފެސްޓިވަލުގައި ދެ ޕްރޮޑިއުސަރުން ވަނީ ބުނެފައެވެ.

ނާގް އަޝްވިން ލިޔެ ތައްޔާރުކޮށް ޑައިރެކްޓްކުރި "ކަލްކީ"އަކީ މި އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ 10 ބިލިއަން ރުޕީސްއަށް އަރާފައިވާއިރު މި ފިލްމު ވަނީ ބޮކްސް އޮފީހުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ.

comment ކޮމެންޓް