ސީބީއެމްއިން ރާއްޖެއަށް ޔޫނިއަން ޕޭ ކާޑު ތައާރަފުކޮށްފި

ޔޫނިއަން ޕޭ ކާޑު ތައާރަފުކުރުން -- ސަން ފޮޓޯ/ އަމަން ލަތީފް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫނިއަން ޕޭ ކާޑު ތައާރަފުކޮށްފިއެވެ.

މިކަމާ ގުޅިގެން ސީބީއެމްއިން ބުނީ، މިކަމުގެ ސަބަބުން ރާއްޖޭގައި އުޅޭ ދަތުރުވެރިންނަށް އިންޓަނޭޝަނަލް ޓްރާންސެކްޝަންތައް ކުރަން ފަސޭހަވަނެކަމަށެވެ. އަދި މި ކާޑުގެ ސަބަބުން ރައްކާތެރިކަމާއެކު ފަސޭހަ ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

ޔޫނިއަން ޕޭގެ ތެރޭގައި ޔޫނިއަން ޕޭ ޑެބިޓް ޕްލެޓިނަމް، ކްރެޑިޓް ޕްލެޓިނަމް، ކްރެޑިޓް ކްލެސިކް ކާޑު ހިމެނެއެވެ. 180އަށްވުރެ ގިނަ ގައުމުތަކުން މި ކާޑު ބަލައިގަންނާނެކަން ފާހަގަކޮށް ސީބީއެމްއިން ބުނީ، މި ކާޑުތައް އަދި ބޭނުން ކުރެވޭނީ ބައިނަލްއަގުވާމީ ބޭނުންތަކަށް އެކަނި ކަމަށެވެ.

ޔޫނިއަން ޕޭ ކާޑު ތައާރަފުކުރުން -- ސަން ފޮޓޯ/ އަމަން ލަތީފް

ބައިނަލްއަގުވާމީ ދުނިޔޭގައި ޔޫނިއަން ޕޭކާޑުގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. ސީބީއެމްއިން ބުނީ ރާއްޖެއަށް މި ކާޑު ތައާރަފުކުރި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

ޔޫނިއަން ޕޭކާޑު ބޭނުންކުރާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެއެވެ. އޭގެތެރޭގައި:

  • ދުނިޔޭގެ ގިނަ ގައުމުތަކުން މި ކާޑު ބަލައިގަތުން: ދުނިޔޭގެ އެކި ކަންކޮޅުތަކުން 183 ގައުމެއްގައި ޔޫނިއަން ޕޭކާޑު ބަލައިގަންނާނެއެވެ. އެހެންކަމުން މި ކާޑު މެދުވެރިކޮށް ޑިއުޓީ ފްރީ ފިހާރަތަކުންނާއި، ހޮޓެލް، ރެސްތޯރަންޓް އަދި ރީޓެއިލް ފިހާރަތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަ ވާނެއެވެ.
  • ފަތުރުކުރުމުގައި ލިބޭ ފައިދާތައް: ކާޑު ގެންގުޅޭ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ޑިސްކައުންޓުތަކާއި ޕްރޮމޯޝަންތަކުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ ފުރިހަމަ ކޮށްދޭނެއެވެ.
  • ބޭނުންކުރަން ފަސޭހަވުން: އޮންލައިންކޮށާއި އޮފްލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު މި ކާޑުން ފޯރުކޮށްދިނުމަކީ މި ކާޑު ގެންގުޅޭ ފަރާތްތަކަށް ލިބޭނެ އިތުރު ފަސޭހައެކެވެ.

ޔޫނިއަން ޕޭ ކާޑު ތައާރަފުކުރުން -- ސަން ފޮޓޯ/ އަމަން ލަތީފް

  • ސެކިއުރިޓީ ކަށަވަރުވުން: މަކަރާއި ހީލަތުން ފައިސާ ހޯދުން ފަދަ ކަންކަމުން ކަސްޓަމަރުން ސަލާމަތްކޮށްދިނުމަށް މި ކާޑުގައި ވަނީ އެޑްވާންސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
  • 24 ގަޑިއިރުގެ ކަސްޓަމާ ސަޕޯޓް: އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ކާޑު ގެންގުޅޭ ފަރާތްތަކަށް ކަސްޓަމާ ކެއާގެ ޚިދުމަތް ލިބޭނެެއެވެ.

މިއީ ސީބީއެމްގެ ޚިދުމަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މި ކާޑުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފައިދާތަކެއް ވަނެ ކަމަށް ވަނީ ބުނެފައެވެ.

ސީބީއެމް ހުޅުވީ 2016 ވަނަ އަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް