ޓްރަމްޕަށް ހުކުމް ކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ). ފޮޓޯ/ޕޮލިޓިކޯ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް މިދިޔަ މެއި މަހު ސާބިތުވި ކުށުގެ މައްސަލައިގެ ހުކުމް އިއްވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.

ޓްރަމްޕްގެ މައްޗަށް ހުކުމް އިއްވުން ކުރިން ތާވަލުކޮށްފައި އޮތީ އަންނަ އަންގާރަ ދުވަހަށެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރު، ހުއާން މާޗަން ވިދާޅުވީ ޓްރަމްޕްގެ މައްސަލަ ބާތިލު ކުރުމަށް އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ޖަވާބުދާރީވުމަށް ޕްރޮސެކިއުޓަރުންނަށް އެއް ހަފުތާ ލިބޭނެ ކަމަށްވެސް މާޗަން ވިދާޅުވިއެވެ.

ޓްރަމްޕްގެ ވަކީލުން ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ބޭރުކޮށްލަން ޖެހޭ ކަމަށާއި ރިޔާސީ އިމްތިޔާޒު ޓްރަމްޕަށް ލިބެން ޖެހޭނެ ކަމަށެވެ. އަދި ހުކުމް އިއްވައިފި ނަމަ ރައީސް ކަމުގެ މަސްއޫލިއްޔަތަށް ހުރަސް އެޅޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.

އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާތައް ސާބިތުވެފައިވާއިރު މިއީ ހުކުމް އިއްވުން ފަސްކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ މަހުގެ 18އަށާއި ޖުލައި 11 އަށް ވެސް ހުކުމް އިއްވުން ތާވަލުކުރި ނަމަވެސް ފަސްކުރީއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ވަނީ، ނަހަމަ ގުޅުންތަކެއް ފޮރުވުމަށް އަންހެނަކަށް ފައިސާ ދެއްވި ކަމަށެވެ. އެ ފައިސާ ދެއްވައިފައި ވަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި ކެމްޕޭނަށް ގެއްލުންވެދާނެ ކަމަށް ބަލައި ކަމަށް ދައުވާގައިވެއެވެ. އެގޮތުން ސްޓޯމީ ޑޭނިއަލްސް ކިޔާ މީހަކަށް 130،000 ޑޮލަރު ދެއްވައިފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެކަމާ ގުޅިގެން ޓްރަމްޕްގެ މައްޗަށް އުފުލި ތަފާތު 34 ދައުވާއެއް ސާބިތުވާ ކަމަށް އެ މައްސަލަ ބެލި ނިއު ޔޯކް ސިޓީގެ ޖޫރީއިން ވަނީ ކަނޑައަޅައިފައެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމާ އެކު، ޓްރަމްޕް ވަނީ އެ ޝަރީއަތަކީ ސިޔާސީ ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް