ނިއުކާސަލް ބަލިކޮށް، ވެސްޓް ހާމް 14 ވަނައަށް؛ ކޯޗަށް ހިތްހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހާމް ޔުނައިޓެޑުން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ނިއުކާސްލްގެ ދަނޑުގައި ކުޅުނު މި މެޗު ވެސްޓް ހާމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މެޗު ވެސްޓް ހާމުން ކާމިޔާބުކުރި ނަމަވެސް ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނިއުކާސްލްއިންނެވެ. މެޗުގެ ފަށުން ރަނގަޅުވީ ވެސް ނިއުކާސްލްގެއެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކާ ވެސްޓް ހާމަށް ނުރައްކާ ކުރަމުންނެވެ.

ނަމަވެސް، މެޗުގެ 10 ވަނަ މިނެޓުގައި ވެސްޓް ހާމަށް ލިބުނު ކޯނަރަކުން އެ ޓީމުން ލީޑު ނެގުމާ އެކު ނިއުކާސްލްގެ ކުޅުމަށް އަސަރު ކުރިތަން ފެނިގެންދިޔައެވެ. މި ލަނޑު ވެސްޓް ހާމަށް ކާމިޔާބުކޮށްދީފައިވަނީ ތޯމަސް ސުޗެކެވެ. މި ލަނޑާ އެކު މެޗުގެ އޮއިވަރު ކޮންމެ ވެސް ވަރަކަށް ބަދަލުވެގެންދިޔަ ނަމަވެސް ގިނައިރު ބޯޅަ ގެންގުޅެމުންދިޔައީ ނިއުކާސްލުންނެވެ.

މި ހާފުގައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކުރާނެ ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ފުރުސަތު އެންތަނީ ގޯޑަންއަށް ލިބުނުއިރު ދެވަނަ ފުރުސަތު ފުރަތަމަ ހާފު ނިމެނިކޮށް ލިބުނީ އެލެގްޒެންޑާ އިސާކަށެވެ. ނަމަވެސް، މި ދެ ކުޅޫންތެރިން ފޮނުވާލި ހަމަލާ ވެސް ކާމިޔަބުކުރެވޭގޮތެއްނުވިއެވެ.

ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ އާރޮން ވެން ބިސާކާއެވެ. މިއީ މި ސީޒަންގައި ވެސްޓް ހާމާ ގުޅުނު ވެން ބިސާކާ އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ހާފުގައި ނިއުކާސްލަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނުއިރު ވެސްޓް ހާމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

މި ކާމިޔާބީއާ އެކު ވެސްޓް ހާމްގެ ކޯޗު ހޫލެން ލޮޕެޓެގޫއަށް ކުރިމަތިވި ޕްރެޝަރު ކޮންމެ ވެސް ވަރަކަށް ކުޑަވާނެ ކަމަށް ބެލެވެއެވެ. މިއީ މި ސީޒަންގައި ލީގުގައި ވެސްޓް ހާމް ކުޅުނު 12 މެޗުގެ ތެރެއިން މޮޅުވި ހަތަރުވަނަ މެޗެވެ. އެ ޓީމު މިހާރު ވަނީ 15 ޕޮއިންޓާ އެކު 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށް ނުކުތުމުގެ ކުރިން ގިނަ ބަޔަކު ބުނަމުންދިޔައީ މެޗުން ވެސްޓް ހާމް ބަލިވެއްޖެނަމަ ލޮޕެޓެގޫގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑު ކަމުގައެވެ. ނަމަވެސް، މިހާރު ބައެއް ފަރާތްތަކުން އަންނަނީ މިއީ ލޮޕެޓެގޫގެ ދަށުން އާ ފެށުމަކަށް ވެސް ވުންގާތް ކަމަށް ބުނަމުންނެވެ.

މެޗުން ބަލިވުމުން ނިއުކާސްލް އޮތީ 18 ޕޮއިންޓާ އެކު 10 ވަނައިގައެވެ. ފަހަކަށް އައިސް ނިއުކާސްލުން ދައްކަމުންދިޔަ ކުޅުމާ ބަލާއިރު މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔަ ނަތީޖާއެކެވެ. މި ނާކާމިޔާބީއާ އެކު ގަދަ ހަތަރެއްގައި އުޅޭ ޓީމުތަކާ އެއް ޕޮއިންޓަށް ގާތް ކުރުމަށް އެ ޓީމަށް ލިބިގެންދިޔަ ފުރުސަތު ވެސް ވަނީ މި ވަގުތަށް ގެއްލިފައެވެ.

comment ކޮމެންޓް