ސަނާ ޚާން ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނުކޮށްފި

ސަނާ ޚާން އަދި ފިރިމީހާ އަނަސް--ފޮޓޯ/ފިލްމުފެއަ

ފިލްމު އިންޑަސްޓްރީއާ މުޅިން ދުރުވެ ދިރިއުޅުމުގެ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކުރީގެ ބަތަލާ ސަނާ ޚާން ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.

ފިރިމީހާ އަނަސް ސައްޔަދުއާ ދެ މީހުންނަށް އިތުރު ކުއްޖަކު ލިބޭކަން ސަނާ އިއުލާނުކުރީ އަމިއްލަ އިންސްޓަގްރާމްގައި ކުރި ލޯބި ޕޯސްޓަކުންނެވެ. ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނުކުރަމުން ކުރި ޕޯސްޓުގައި ސަނާ ބުނެފައިވަނީ، ހުރިހާ ޝުކުރެއްގެ ހައްގު ފަރާތަކީ ވެރި ﷲ ކަމަށާއި ހުރިހާ އެންމެން ވެސް ސަނާގެ އާއިލާއަށް ހެޔޮ ދުއާކޮށްދިނުމަށެވެ.

މުފްތީއެއް ކަމަށްވާ އަނަސް ސައްޔަދާ 2020ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ސަނާއަށް އަލަތު ދަރިފުޅު ލިބުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ސައްޔިދު ތާރިޤުގެ ނަމުން ނަންދެވިފައިވާ މި ކުއްޖާއާ އެކު މި ދެމަފިރިން ވަނީ އެކި ފަހަރުމަތިން ޢުމްރާގެ މަތިވެރި އަޅުކަން ވެސް އަދާކޮށްފައެވެ.

ސަނާގެ ދެމަފިރިން އަލަތު ދަރިފުޅާ އެކު ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި--ފޮޓޯ/ފޭސްބުކް

ކުރީގެ ބައެއް ފިލްމުތަކުން ފެނުމުގެ އިތުރުން ސަނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފެށީ ކަލަސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 6"ގައި އޭނާ ބައިވެރިވުމާ ގުޅިގެންނެވެ. ނަމަވެސް، 2020 ވަނަ އަހަރުތެރޭ ސަނާ ވަނީ ފިލްމު އިންޑަސްޓްރީ ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގެ މަތީ ދިރިއުޅުން ހޭދަކުރަން ބޭނުންވާ ކަމަށް ނިންމާފައެވެ.

އެގޮތުން، ބަތަލާ ހެދުން އަޅާ ވައްޓަފާޅި ބަދަލުކޮށް އިސްލާމްދީނާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުވުމުގެ އިތުރުން ސަނާ އަންނަނީ އިސްލާމްދީނުގައި އަންހެނުންނަކީ ކިހާ މާތް ބައެއްކަން އަންގައިދިނުމަށް އެކި ފޯރަމްތަކުގައި މައުލޫމާތު ބަދަލުކުރަމުންނެވެ.

ސަނާ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އިއުލާނުކުރުމާ އެކު ވަރަށް ގިނަ ބަޔަކު ވަނީ މި ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.

comment ކޮމެންޓް