ދޮގު ޚަބަރު ފަތުރާތީ އޭއާރް ރަހްމާން ހިތްހަމަނުޖެހިފައި، ފިޔަވަޅު އަޅަނީ

ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން އޭ އާރް ރަހްމާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ދާދިފަހުން ކައިވެނި ރޫޅާލިކަން އިއުލާނުކުރި އިންޑިއާގެ ލަވަކިޔުންތެރިޔާ/މިއުޒީޝަން އޭ އާރް ރަހްމާންއާ ގުޅޭގޮތުން ދޮގު ޚަބަރުތައް ފަތުރަމުންދާ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަން އިއުލާނުކޮށްފިއެވެ.

އޭ އާރް ރަހްމާންގެ 29 އަހަރުވީ ކައިވެނި ރޫޅާލިކަން އިއުލާނު ކުރިތާ ދެ ތިން ގަޑިއިރު ފަހުން ލަވަކިޔުންތެރިޔާގެ މިއުޒިކް ގްރޫޕްގެ ބޭސިސްޓް މޯހިނީ ދޭ ވެސް ވަނީ އޭނާގެ ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފައެވެ.

މިއީ އިއްތިފާގެއް ނޫން ކަމަށް ބުނެ، ވަރަށް ގިނަ މީޑިއާތަކުން ވަނީ އޭ އާރް ރަހްމާނާއި މޯހިނީ ދޭއާ ދެމެދު ގުޅުމެއް އޮތްކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. ހަމައެއާއެކު ކުޅަދާނަ މިއުޒީޝަންގެ ދުވަސްވީ ކައިވެނި ރޫޅުމުގެ ޒިންމާ މޯހިނީގެ ބޮލުގައި އެޅުމަށް ފަހު ދެ މީހުންނާ ބެހޭގޮތުން ވަރަށް ގިނަ މީޑިއާ ތަކުގައި ބަހުސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭ އާރް ރަހްމާން އަންހެނުން ސާއިރާ ބާނޫއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބައެއް މީޑިއާތަކުން އިންޓަނެޓުގައި އެކި ގޮތްގޮތަކަށް ވާހަކަ ފަތުރަން ފެށުމުން އޭ އާރް ރަހްމާންގެ ދަރިފުޅު އަމީން ވެސް ވަނީ ހަގީގަތާ ޚިލާފު ޚަބަރުތައް މީޑިއާއިން ނުފެތުރުމަށް އެދިފައެވެ. އޭ އާރް ރަހްމާންގެ ލީގަލް ޓީމުން ނެރުނު ސްޓޭޓްމެންޓްގައި ބުނެފައިވަނީ، އެ އާއިލާއަށް ނިސްބަތްކޮށް އެކަކު އަނެކަކުގެ މެދުގައި ނަފުރަތު އުފެދޭހެން ޚަބަރުތައް ޝާއިއުކޮށް ފާޑުކިޔުންތައް ހުރި ޕޯސްޓުތައް އޭގެ ވެރިފަރާތްތަކުން ނެގުމަށެވެ.

އެ ކަމަށް 24 ގަޑިއިރުގެ ވަގުތު ދޭނެ ކަމަށާއި އެގޮތަށް އަމަލު ނުކޮށްފިނަމަ އެ ފަރާތަށް ވެސް ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރިހަމަ ހައްގު އެބައޮތް ކަމަށެވެ.

ދޮގު ޙަބަރުތައް ފެތުރުން ސާބިތުވެއްޖެނަމަ ދެވޭ އަދަބުގެ ތެރޭގައި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ބޮޑު އަދަދަކުން ޖޫރިމާނާ ކުރުމަށް އިންޑިއާގެ ޤާނޫނުން ތަންދޭ ކަމަށާއި އޭ އާރް ރަހްމާންގެ އާއިލާއަށް ފުރައްސާރަކޮށް ޚަބަރުތައް ފަތުރާ ކޮންމެ މީހަކާ މެދު ވެސް އެ ފިޔަވަޅު އަޅާނެ ކަމަށް ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

ރަހްމާންގެ ދުވަސްވީ ކައިވެނި ރޫޅިފައިވާކަން އިއުލާނުކުރި ޕޯސްޓުގައި އޭނާ ވަނީ އެ ކަމަށް ޚާއްސަ ހޭޝްޓެގެއް ވެސް ބޭނުންކޮށްފައެވެ.

comment ކޮމެންޓް