ނީލަމް ބުނީ އެއްވެސް އިރަކު ގޯވިންދާއާ ލޯބީގެ ގުޅުމެއް ނުބާއްވާ ކަމަށް

ނީލަމް އާއި ގޯވިންދާ ފިލްމެއްގެ މަންޒަރެއްގައި--ފޮޓޯ/ފޭސްބުކް

ކުރިން 1980ގެ އަހަރުތަކުގެ ތެރޭ އެންމެ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ހިތް އަތުލި ދެ ތަރިންނަކީ ނީލަމްއާއި ގޯވިންދާއެވެ. ނީލަމްއާއި ގޯވިންދާގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންގެ ހިތުގައި ބިންވަޅު ނެގިފައިވާ މިންވަރު ހާމަވާންފެށީ މި ދެތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް އޭރު މީޑިއާތަކުން ފަތުރަން ފެށުމުންނެވެ.

އެހެންނަމަވެސް، އޭރު ވެސް ނީލަމް ބުނީ، ގޯވިންދާއާ އެކު ލޯބީގެ ގުޅުމެއް ނުބާއްވާ ކަމަށެވެ. ނަމަވެސް، ނީލަމްގެ އެ ވާހަކަތަކަށް އޭރު ވެސް ބެލުންތެރިން ދިނީ ބީރު ކަންފަތެކެވެ.

އޭގެ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ނީލަމް މިވަނީ އެ މައުޟޫއުގައި ވާހަކަދައްކާފައެވެ.

ނެޓްފްލިކްސްގެ ސީރީޒް "ފެބިއުލަސް ބޮލީވުޑް ލައިވްސް ވާސަސް ބޮލީވުޑް ވައިވްސް"އާ ބެހޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނީލަމް ބުނީ، 80އިގެ އަހަރުތަކުގެ ފިލްމީތަރިން އެކަކު އަނެކަކަށް އަޅުވާ ކިޔުމަކީ އޭރު ބަޔަކު މީހުން ކުޅުނު ކުޅިވަރެއް ކަމަށާއި އޭރު މަޝްހޫރުކަން ލިބުނު ވަރަށް ގިނަ ބަތަލާއިންނަކީ މި 'ގޭމް'ގެ ބައެއް ކަމަށެވެ.

ނީލަމް އާއި ގޯވިންދާ ދާދިފަހުން މެހެމާނުންގެ ގޮތުގައި ބައިވެރިވި ޝޯއެއްގައި ލަވައަކަށް ޕާފޯމްކުރަނީ--ފޮޓޯ/ދައިންޑިއަންއެކްސްޕްރެސް

އޭރު ނޫސްތަކުގައި ލިޔާ އެފަދަ ޚަބަރުތައް ކަށަވަރުކުރާނެ ގޮތްތައް ފަހިވެފައި ނޯންނަކަމުން އެ ޚަބަރުތަކުގެ ތެދު ދޮގު ގިނަ ބަޔަކަށް ނޭނގޭ ކަމަށް ނީލަމް ވަނީ ބުނެފައެވެ. ގޯވިންދާއާ އެކީގައި ވަރަށް ގިނަ ފިލްމުތަކުގައި މަސައްކަތްކުރި ކަމަށާއި ދެ ތަރިންގެ ލޯބީގެ ވާހަކަތަކަށް އެންމެ ބޮޑު ބާރެއް ލިބުނީ އޭގެ ސަބަބުން ކަމަށް ނީލަމް ބުނެފައިވެއެވެ.

މީގެ ކުރިން ގޯވިންދާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ނީލަމްއާ ފުރަތަމަ ބައްދަލުވި ދުވަހު ކަންތައް ވަނީ ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ. އެގޮތުން، ނީލަމް އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް ނީލަމްގެ ރީތިކަމުގެ ޖާދޫގައި ޖެހުނު ކަމަށާއި އޭރު ގޯވިންދާ އުޅުނީ މިހާރުގެ އަނބިމީހާ ސުނީތާއާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް، ނީލަމްގެ ލޯބި ކާމިޔާބުވިނަމަ އޭރުގެ ލޯބިވެރިޔާ ދޫކޮށްލެވުނީސް ކަމަށް ގޯވިންދާ ވަނީ ބުނެފައެވެ.

ނީލަމްގެ ފުރަތަމަ ކައިވެނި ރޫޅުމަށް ފަހު މިހާރު ކައިވެނިކޮށްގެން އުޅެނީ އެކްޓަރު ސަމީރު ސޯނީއާއެވެ. މި ދެމަފިރިން ވަނީ އަހާނާ ކިޔާ އަންހެން ކުއްޖަކު އެޑަޕްޓްކޮށްފައެވެ. ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު އެނބުރި ފިލްމީ ދާއިރާއާ ގުޅެން ޝައުގުވެރިކަން އެބަހުރި ކަމަށް ނީލަމް ވަނީ ބުނެފައެވެ.

comment ކޮމެންޓް