އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ "ފަތުވާ މަހާސިންތާ" ފަށައިފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ. މި މަހާސިންތާ ކުރިއަށް ގެންދަނީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިން ބާއްވާ މި މަހާސިންތާގެ މައުސޫއަކީ "މުޖުތަމައު އިސްލާހު ކުރުމުގައި ފަތުވާގެ ދައުރު"އެވެ.
މި މަހާސިންތާގެ މަގުސަދަކީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް، އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ހިޔާލުތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމައުގެ މަސްލަހަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ހިޔާލު ހޯދާ މަޝްވަރާކުރުމާއި މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމައު އިސްލާހު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުން ކަމަށް އެ ވުޒާއިންވަނީ ބުނެފައެވެ.
މި މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ފިގުހުގައި ފަތުވާގެ މަގާމަކީ ވަރަށް މަތިވެރި މަގާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުއީ ހުކުމެއް ބަޔާންކުރުމުގެ ކުރިން އެކަމެއްގެ ހަގީގަތް ތަސައްވުރު ކުރުމަކީ ޝަރުއީ ގަވައިދެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މިޒަމާނުގައި ކުރިމަތި ވެފައިވާ ޒަމާނީ ފިގުހީ މައްސަލަތަކުގައި ހުކުމްތައް ބަޔާންކުރުމުގައި ޖަމާއީ ގޮތުން މަޝްވަރާކުރެވެން ޖެހޭކަމަށާއި އެފަދަ ކަންކަމުގައި ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމައު ބައިބައިވެގެން ހިގައިދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށާއި ދީނީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
އަދި ގިނަ ދުވަސްތަކަކަށް ފަތުވާ ކައުންސިލްގެ މެންބަރުން ހަމަނުވެ އޮތް އޮތުން އެ މަނިކުފާން ނިމުމަކަށް ގެންނަވައި، ގާނޫނުގައި ބުނާ ފުރިހަމަ ޢަދަދަށް މެންބަރުން އައްޔަންކުރެއްވި ކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ވައުޒާއި އިރުޝާދައި ފަތުވާ ދިނުން ދަރަޖަކުރުމާމެދު އިލްމުވެރިންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރިން ދެއްވާ ލަފާފުޅުތަކަށް އަބަދުވެސް އިހުތިރާމު ކުރާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
އެ ވުޒާރާއިން ބުނީ މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭހެން ކަމަށާއި މި ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިން ބައިވެރިވާނެ ކަމަށެވެ.