މުޖުތަމައުއަށް ޚިދުމަތް ކުރަން ދަރިވަރުން ނިކުންނަންވީ އިސްލާމީ އުސޫލުތަކުން ފޭރާން އަޅައިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
ފުވައްމުލަށް ސިޓީގައި ބޭއްވި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ 2023- 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ، މުޖުތައުއަށް ޚިދުމަތް ކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެ ކަން ވިސްނާލަން ޖެހޭ ކަމަށެވެ.
އިސްލާމް އުންމަތުގައި އެކި ޒަމާންތަކުގައި މުސްލިމުން ހޯދި ކުރިއެރުންތަކުގެ ހަގީގަތަކީ މުސްލިމުން އިލްމުގެ މައިދާނުގައި ހޯދި ކުރިއެރުންތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އިންސާވެރިކަމާ އެއްކޮށް ބަލައިފިކަމަށްވާނަމަ ޔޫރަޕުން މިއަދު ހޯދާފައިވާ ކުރިއެރުންތަކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސްޕެއިންގައި އުފެދުނު އިސްލާމީ ހަޟާރަތު ކަމަށެވެ.
އެހެންކަމުން، މިނިސްޓަރު ވަނީ މުޖުތަމައުގައި ޚިދުމަތް ކުރަން ނިކުންނަ ދަރިވަރުން އިސްލާމް ދީނުގެ އުސޫލުތަކުން 'ފޭރާން' އަޅައިގެން ނިކުތުމަށާއި އިސްލާމް ދީނަކީ އިލްމު ހޯދުމަށް ގޮވާލާ ދީނެއް ކަމަށް ގަބޫލުކުރުމަށް އެދިވަޑައިގެންފައެވެ.
އެހެންވީމަ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ޚިދުމަތް ކުރަން ނުކުންނަ ލޮބުވެތި ދަރިވަރުން އިސްލާމީ އުސޫލުތަކުން ފޭރާން އަޅައި، އިސްލާމީ ފަލްސަފާގެ ތެރެއިން ފިކުރު ލިބިގެން އިސްލާމް ދީނަކީ ހަމައެކަނި ފިޤްހީ ޚިލާފުތަކެއް ނޫން ކަމަށް ގަބޫލުކޮށް، އިސްލާމް ދީނަކީ ކުރިއެރުމާއި ތަރައްގީއާއި އަދި އިސްލާމް ދީނަކީ ޒަމާނަށް ފެތޭ ދީނެއް ކަމާއި ކުރިއެރުމަށް ގޮވާލާ ދީނެއް ކަަމާއި ޢިލްމު ހޯދުމަށް ގޮވާލާ ދީނެއް ކަމަށް ޤަބޫލުކޮށްގެން އަޅުގަނޑުމެން ނުކުންނަންވީ އެމަގުން ހަތިޔާރު އަޅައިގެން
އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިސްލާމް ދީނުގެ ހަޟާރަތު މަތިވެރިވެ ކުރިއަރައިގެން އަންނަނީ އިސްލާމް ދީނުގެ ކުރިއެރުންތަކުގައި ރޫހާނިއްޔަތާއި އަޚްލާގު ހިމެނިފައިވާތީ ކަމަށެވެ. މިގޮތުން، މިއަދު މުސްލިމުން ފަހަތަށް ގޮސް، އިޖުތިމާއިީ ގޮތުން ބައިބައި ވެފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އިޖްތިމާއީ އަޚްލާގިއްޔަތާ ދުރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ދެކޮޅުވެރިވެ ވާދަވެރިވެގެން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން އުންމަތް ސަލާމަތް ކުރެވެން އޮތީ އިސްލާމީ އުސޫލުގެ ތެރެއަށް ހެދިބޮޑުވަމުން އަންނަ ޖީލު ވަދެގެން ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.