ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ވިޝުއަލް އާޓްގެ ދަރިވަރުންގެ ކުރެހުންތައް ދައްކާލަން ބާއްވާ "ރެދަން" އާޓް އެގްޒިބިޝަން ނެޝަނަލް އާޓް ގެލެރީގައި އިއްޔެ ހުޅުވައިފިއެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި، މި މައުރަޒަކީ ދަރިވަރުންގެ މަސައްކަތްތައް ދައްކައިދޭ މައުރަޒެކެވެ. އަދި މި މައުރަޒު އާދިއްތަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
މައުރަޒު ހުޅުވާފައި ހުންނާނީ:
- މިއަދު (22 ނޮވެންބަރު) 16:00 އިން 22:00އަށް
- މާދަމާ (23 ނޮވެންބަރު) 10:00 އިން 22:00 އަށް
- 24 ނޮވެންބަރު 10:00 އިން 22:00 އަށް
އެ ވަގުތުތަކުގެ ތެރޭގައި ނަމާދު ވަގުތު ފިޔަވައި ހުރިހާ ވަގުތެއް މައުރަޒު ހުޅުވާފައި ހުންނާނެ ކަމަށް އެމްއެންޔޫއިން ބުނެފައިވެއެވެ.

މިނިސްޓަރު މަރިޔާ ދަރިވަރެއްގެ ކުރެހުން ކައިރީގައި: އެމްއެންޔޫގެ "ރެދަން" އާޓް އެގްރިބިޝަން ހުޅުވައިފި --- ސަން ފޮޓޯ/ މޫސާ ނަދީމް
މި މައުރަޒު ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ އުނގެނުމަށާއި ކުރިއެރުމަށް އަމާޒުކޮށްފައިވާ ފަންނާނުންގެ އިލްހާމު ލިބޭ ފަދަ މާހައުލެއް ގާއިމުކުރުން ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ. މިގޮތުން، މައުރަޒުގައި ދަރިވަރުންގެ ކުރެހުންތައް ދައްކުވައިދިނުމަކީ ފަންނުވެރިކަމުގެ ދުނިޔޭގައި އެމީހުންނަށް ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުން އަގުހުރި ތަޖުރިބާއާއި މައުލޫމާތު ލިބިގަނެވޭނެ ކަމަށް އެ ޔުނިވާސިޓީން ބުނެފައިވެއެވެ.
އިއްޔެ މި މައުރަޒު ހުޅުވަން ނެޝަނަލް އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، "ރެދަން" ނަމުގެ މާނައިގައި އެކުލެވެނީ ފަންނުވެރިކަމުގެ ހަގީގީ ރޫހު ކަމަށެވެ.

މިނިސްޓަރު މާރިޔާ --- ސަން ފޮޓޯ/ މޫސާ ނަދީމް
އެންމެ އަނދިރި ދަނޑިވަޅުތަކުގައި ވެސް ފަންނުވެރިކަމުގެ އަލިކަމުން ދިރިއުޅުމަށް ބާރެއް ގެނެސްދޭކަން އެ ބަހުން ރަމްޒުކޮށްދޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މިގޮތުން، ފަންނުވެރިކަމަކީ އެންމެން ގުޅުވައިދޭ ވަސީލަތެއް ކަމަށާއި އިހުސާސްތައް އުފައްދައި، އިޖުތިމާއީ ވިސްނުންތައް ބަދަލުކުރުމަށް މަގުފަހިކޮށްދޭ ޒަރިއްޔާއެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު މާރިޔާ ވަނީ ދަރިވަރުންގެ ކުރެހުންތައް ބައްލަވާލައްވާފައެވެ.