ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ ކުރީގެ ފިލްމީ ތަރި/ޑައިރެކްޓަރު ރާކޭޝް ރޯޝަން ފިލްމު ޑައިރެކްޝަނުން ރިޓަޔާވިކަން އިއުލާނުކޮށްފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ، އޭނާ ދެން ފެންނާނީ ފިލްމު ޕްރޮޑިއުސް ކުރުމުގެ ދާއިރާއިން ކަމަށެވެ. މަޝްހޫރު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަގެ މި އިންޓަވިއުގައި ބުނެފައިވަނީ، ޑައިރެކްޝަނާ ދުރަށް ދާން ނިންމީ އެ މަސައްކަތް ދެން ނުކުރެވޭނެކަން އަމިއްލައަށް ގަބޫލުކުރެވިގެން ކަމަށެވެ.
ފިލްމު ޑައިރެކްޝަންގެ މަސައްކަތްކުރުމުގެ ބުންވަރު މިހާރު ނެތް ކަމަށާއި އުމުރުން ދުވަސްވަމުންދާތީ ދެން ބޭނުން ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ދެ މީހުންނަން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަމިއްލައަށް ހިންގާ ފިލްމުކްރާފްޓް ޕްރޮޑަކްޝަންސް ބެނާގެ ދަށުން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެއިރު "ކްރިޝް 4" ޕްރޮޑިއުސްކުރާނީ ރާކޭޝް ކަމަށް ވަނީ ބުނެފައެވެ. މި ފިލްމު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށާއި ފިލްމުގެ ލީޑް ރޯލުން މި ފަހަރު ވެސް ފެންނާނީ ރިތިކް ރޯޝަން ކަމަށް ރާކޭޝް ވަނީ ބުނެފައެވެ.
ރާކޭޝް ރޯޝަން މި ފަހުން ޑައިރެކްޓް ކޮށްފައިވާ ކާމިޔާބު ފިލްމުތަކަށް ބަލާއިރު ފިލްމު "ކަހޯނާ ޕިޔާރު ހޭ"، "ކޮއި މިލްގަޔާ" އަދި "ކާބިލް" ހިމެނެއެވެ. ޑައިރެކްޓަރުގެ ގޮނޑި ދޫކޮށްލި ނަމަވެސް ރާކޭޝް ޑައިރެކްޓްކޮށްފައިވާ އައިކޮނިކް ބައެއް ފިލްމުތައް އަލުން ރީ-ރިލީޒް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް މީޑިއާއަށް ދިން މި އިންޓަވިއުގައި ވަނީ ބުނެފައެވެ.
އެގޮތުން އެންމެ އަވަހަށް ވެސް އަލުން ރިލީޒް ކުރުމަށް ވިސްނާފައިވާ ފިލްމަކީ ބޮޑު މަގުބޫލުކަމެއް ހޯދި 1988 ވަނަ އަހަރުގެ ފިލްމު "ޚޫން ބަރީ މާންގް" ކަމަށް ރާކޭޝް ވަނީ ބުނެފައެވެ. ރާކޭޝްގެ ކެރިއަރުގެ އެންމެ އައިކޮނިކް ފިލްމު ކަމަށްވާ "ކަރަން އަރުޖުން" މި މަހުގެ 22 ވަނަ ދުވަހު ވަނީ އަލުން ސިނަމާތަކުގައި ދައްކާފައެވެ.