ފިލްމު "ބޫލް ބުލައްޔާ 3"ގެ ސްކްރިޕްޓް ޑައިރެކްޓަރު އަނީސް ބަޒްމީ ހުށަހެޅުމާ އެކު އެންމެ ފުރަތަމަ ވެސް އެއީ ވަރަށް ތަފާތު ޖޯންރާއެއްގެ ފިލްމެއްކަން އިހުސާސްކުރެވުނު ކަމަށް ބަތަލާ މަދޫރީ ޑިކްސިޓް ބުނެފިއެވެ.
ފިލްމުގައި މަދޫރީ ކުޅުނު ރޯލަކީ ވަރަށް ޗެލެންޖިންގް ރޯލެއް ކަމަށާއި މީގެ ކުރިން ހޮރޯ ކޮމެޑީއެއްގައި މަސައްކަތްކޮށްފައިނުވުމުން "ބޫލް ބުލައްޔާ 3"ގެ ރޯލަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދި އެ ރޯލް ތަޖުރިބާކޮށްލަން ބޭނުންވި ކަމަށް މަދޫރީ ވަނީ ބުނެފައެވެ.
ފިލްމުގައި މަދޫރީ މަސައްކަތްކުރަން ޖެހުނީ ބަތަލާއަށް ވުރެ ޖޫނިއަ ތަރިންނާ އެކު ކަމަށާއި އެކަން އެއްވެސް ވަރަކަށް ފިލްމު ސެޓުގައި އިހުސާސްނުކުރެވޭ ކަމަށް މީޑިއާއަށް ދިން އިންޓަވިއުގައި ބަތަލާ ވަނީ ބުނެފައެވެ.
ފިލްމުގައި މަދޫރީ ވަނީ އެ ފްރެންޗައިސްގެ އައިކޮނިކް ލަވަ 'އަމި ޖޭ ތޮމާރު 3.0'ގައި ބަތަލާ ވިދިޔާއާ އެކު ފެނިފައެވެ. މީގެ ކުރިން ވެސް މަދޫރީ ވަނީ ފިލްމު "ދޭވްދާސް"، "ދިލް ތޯ ޕާގަލް ހޭ" އަދި "ލައްޖާ" ފަދަ ފިލްމުތަކުން ޑުއެޓް ނެށުންތައް ދައްކާލާފައެވެ. އެހެންކަމުން "ބޫލް ބުލައްޔާ 3"އިން މަދޫރީއާއި ވިދިޔާ ބާލަން އެކީގައި ނެށުމުގެ ހުނަރުތައް ދައްކާލި ލަވަ ވަނީ އައިކޮނިކް ލަވައަކަށް ވެފައެވެ.
މި ފިލްމުގެ ލަވައަކީ މަދޫރީގެ ކެރިއަރުގައި ވެސް އެއް ފިލްމެއްގެ ލަވަ އައިކޮނިކްވެ ތިން ފިލްމަކުން ވެސް އެއް ލަވައެއްގެ އެކި ވާޝަން ފެނުނު ފުރަތަމަ ފަހަރު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ބޫލް ބުލައްޔާ 3"ގެ ބައެއް ޕްރޮމޯޝަންތަކުން މަދޫރީ ނުފެނުމުން އެ ކަމާ ބައެއް ސަޕޯޓަރުން ކަންބޮޑުވެ، މެސެޖުތައް ލިބުނު ނަމަވެސް ބަތަލާ ވަނީ ފަހުން ފިލްމުގެ ޕްރޮމޯޝަން ހަފުލާތަކުގައި ބައިވެރިވެފައެވެ.
ފިލްމުގެ ބައެއް ޕްރޮމޯޝަން ހަފުލާތަކުގައި މަދޫރީއަށް ބައިވެރި ނުވެވުނީ ދާދި ފަހުން ކައިވެންޏަށް 25 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް ފިރިމީހާއާ އެކު ޗުއްޓީ ދަތުރެއްގައި ދިއުމުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މަދޫރީގެ އިތުރުން ކާތިކް އާރްޔަން އަދި ތުރިޕްތީ ދިމްރީ މުހިއްމު ރޯލް ކުޅުނު މި ފިލްމަށް މިހާތަނަށް ބޮކްސް އޮފީހުގައި 388 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ.