އޭއާރް ރަހްމާނާއި ސާއިރާގެ 29 އަހަރުވީ ކައިވެނި ނިމުމަކަށް

އޭއާރް ރަޙްމާން އަންހެނުން ސާއިރާއާ އެކު--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި މިއުޒިކީ ދާއިރާގެ އެންމެ މަގުބޫލު މިއުޒީޝަން އޭއާރް ރަހްމާންގެ 29 އަހަރުވީ ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފިއެވެ.

އަންހެނުން ސާއިރާއާއި ދެމީހުންގެ ކައިވެންޏަށް ގާތްގަނޑަކަށް 30 އަހަރުވާން ކައިރިވެފައިވަނިކޮށް ދެ މީހުން ވަކިވިކަން އިއުލާނުކުރީ ރޭގެ ވަގުތެއްގައި ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައެވެ.

ދެ މީހުންގެ ވަކީލުންގެ ޓީމުން ނެރުނު ސްޓޭޓްމަންޓްގައި ބުނެފައިވަނީ، ކައިވެނި ރޫޅާލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. ދެމަފިރިން އެކަކު އަނެކަކަށްޓަކައި ހިތުގައި އިންތިހާއަށް ލޯބި އުފެދުނު ނަމަވެސް އެ ގުޅުމުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި އެ ކަމަށް ހައްލެއް ހޯދުމުގައި ނާކާމިޔާބުވުމުން އޭއާރް އާރް ރަހްމާނާއި ސާއިރާ ނިންމީ ކައިވެނި ރޫޅާލުމަށް ކަމަށް މި ސްޓޭޓްމަންޓްގައި ވަނީ ބުނެފައެވެ.

އޭއާރް ރަހްމާން ކައިވެންޏަށް ލިބިފައިވާ ތިން ކުދިންނާ އެކު--ފޮޓޯ/ޕިންކްވިލާ

މިއީ މިވަގުތު އެ ދެމަފިރިންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ނިންމާފައިވާ ކަމަށާއި ދެ މީހުންގެ ނިންމުމަށް އިހުތިރާމްކުރުމަށް އާއްމުންގެ ފަރާތުން ވަނީ އެދިފައެވެ. ހަމައެއާއެކު އާއިލާގެ ޕްރައިވެސީއަށް އިހުތިރާމުކުރުމަށް މީޑިއާގެ ފަރާތުން އޭއާރް ރަހްމާން ވަނީ އެދިފައެވެ.

އޭއާރް ރަހްމާނާއި ސާއިރާގެ ކައިވެނި ކުރެވުނީ 1995 ވަނަ އަހަރެވެ.

މި ކައިވެންޏަށް ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ. އެއީ، ޚަތީޖާ، ރަޙީމާ އަދި އަމީންއެވެ. މި ތިން ކުދިންގެ ތެރެއިން ޚަތީޖާ އަދި އަމީން އަންނަނީ މިހާރު ވެސް މިއުޒިކް އިންޑަސްޓްރީގައި މަސައްކަތް ކުރަމުންނެވެ.

ކުރީގެ މަޝްހޫރު ބަތަލާ ސިމީ ގަރޭވާލްގެ ޓޯކް ޝޯ "ރެންޑެޒްވަސް ވިތު ސިމީ ގަރޭވާލް"ގައި ވާހަކަދައްކަމުން އޭއާރް ރަހްމާން ބުނީ، އަމިއްލަ ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ވަގުތު ހުސްކުރެވެން އޭރު ނެތް ކަމަށާއި މިއުޒިކް ދާއިރާގައި އުޅުނީ ވަރަށް އަވަދިނެތި ކަމަށެވެ.

އޭއާރް ރަހްމާން ފިލްމު "ސްލަމްޑޯގް މިލިއަނަ"އަށް ތައްޔާރުކޮށްދިން މިއުޒިކްއާ އެކު ހާސިލުކުރި އޮސްކާ އެވޯޑާ އެކު--ފޮޓޯ/ޖީކިއުއިންޑިއާ

ހަޔާތަށް ގެންނަން އަބަދު ވެސް ބޭނުންވީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ކަމަށާއި މިއުޒިކީ ދާއިރާގައި ހަމަޖެހިލައިގެން އުޅެވޭނީ އޭއާރް ރަހްމާންގެ ދިރިއުޅުމާއި މިޒާޖު ރަނގަޅަށް ދަންނަ މީހަކާ އެކު ޒަވާޖީ ހަޔާތެއް ފެށުމުން ކަމަށް މި ޝޯގައި ހުނަރުވެރި ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ.

އެގޮތުން ސާއިރާއަކީ އޭއާރް ރަހްމާންގެ މަންމަގެ ހޮވުމެއް ކަމަށާއި ޒަވާޖީ ހަޔާތެއް ފެށީ އުމުރުން 29 އަހަރުގައި ކަމަށް އޭއާރް ރަހްމާން ވަނީ ބުނެފައެވެ.

އޮސްކާ އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ މިއުޒިކް ކުޅުންތެރިޔާ/ލަވަކިޔުންތެރިޔާ އަކީ އިންޑިއާގެ އެންމެ އަގުބޮޑު މިއުޒީޝަނުންގެ ތެރޭ ހިމެނުމުގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައަކު އައިކަން އަކަށް ބަލާ ޝަހުސިއްޔަތެކެވެ.

comment ކޮމެންޓް