އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާ ވެބް ސީރީސް ގެނެސްދޭނީ ނެޓްފްލިކްސް އާއި އާއިލީ ކުންފުނި ރެޑް ޗިލީޒް އެންޓަޓެއިންމަންޓް ގުޅިގެންކަން އިއުލާނުކޮށްފިއެވެ.
އާރްޔަން ލިޔެ ތައްޔާރުކޮށް ޑައިރެކްޓް ކުރާ މި ވެބް ސީރީސްގެ ޕްރޮޑިއުސަރަކީ މަންމަ ގޯރީ ޚާންއެވެ. ޝާހުގެ އަންހެނުން ގޯރީ އަކީ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓްގެ ވެސް އެންމެ ވަރުގަދަ އެއް ހިއްސާދާރެވެ.
ސޯޝަލް މީޑިއާގައި އިއްޔެގެ ވަގުތެއްގައި މިކަން އިއުލާން ކުރަމުން ނެޓްފްލިކްސްއިން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ވެބް ސީރީސް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނީ އަންނަ އަހަރު ކަމަށެވެ. ނަމަވެސް އެއީ ކޮން ތާރީޚެއްކަން ހާމައެއް ނުކުރެއެވެ.
"ސްޓާޑަމް"ގެ ނަމުގައި އުފައްދާ މި ވެބް ސީރީސްގެ މަސައްކަތް މި އަހަރުތެރޭ ނިމިފައިވާއިރު މި ސީރީސް މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައެވެ.

ޝާހު އަންހެނުން ގޯރީ ޚާން އަދި ތިން ކުދިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އާރްޔަން ފިލްމު އިންޑަސްޓްރީއަށް ނުކުންނާނީ ޑައިރެކްޓަރެއްގެ ގޮތުގައި އިއުލާނުކުރީ 2022 ވަނަ އަހަރުތެރޭއެވެ. އޭރު ވަރަށް ގިނަ ބަޔަކު އުއްމީދުކުރީ އާރްޔަން އިންޑަސްޓްރީއަށް ނުކުންނާނީ އެކްޓަރެއްގެ ގޮތުގައި ކަމަށެވެ. އާރްޔަން އެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ނެރުމަށް ވަރަށް ގިނަ ފިލްމު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ ގިނަ ހުށަހެޅުންތައް ދާދިފަހުން ވެސް ޝާހުއަށް ހުށަހެޅުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ގިނަ ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ "ސްޓާޑަމް"ގެ ކާސްޓުންނާ ބެހޭ މައުލޫމާތު މިހާތަނަށް ސިއްރު ކުރެވިފައި ވާއިރު މިހާތަނަށް ރިޕޯޓު ތަކުން އެނގިފައިވާ ގޮތުގައި ބަތަލާ މޯނާ ސިންގް، ބޮބީ ޑިއޯލް އަދި ފިލްމު "ކިލް"އިން އިންޑަސްޓްރީއަށް ތަޢާރަފްވި އެކްޓަރު ލަކްޝް މި ވެބް ސީރީސްއިން ފެންނާނެއެވެ.
ހަމައެއާއެކު އެކްޓަރު ރަންބީރު ކަޕޫރު، ރަންވީރު ސިންގް އަދި ޝާހުގެ ހާއްސަ ފެނިލުންތަކެއް މި ވެބް ސީރީސްގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.