ސައުތު ސިނަމާގެ ތަޖުރިބާ އެހާ ރަނގަޅު ނޫން ކަމަށް ސަނާ ޝައިހް ބުނެފި

ބޮލީވުޑް ބަތަލާ ފާތިމަތު ސަނާ ޝައިހް--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޑަންގަލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ބަތަލާ ފާތިމާ ސަނާ ޝައިހް އިންޑިއާގެ ސައުތު ސިނަމާގައި ހޭދަ ކުރި ދުވަސްވަރުގެ ތަޖުރިބާ އެހާ ރަނގަޅު ނޫން ކަމަށް ބަތަލާ ބުނެފިއެވެ.

ސައުތު ސިނަމާގެ ފިލްމުތަކުން ފުރުސަތު ލިބުނު ދުވަސްވަރު ބައެއް ފިލްމު ޕްރޮޑިއުސަރުންގެ ފަރާތުން ވަރަށް ބޭ އަދަބީ ކަންކަން ފާހަގަކުރެވުނު ކަމަށް ސަނާ ވަނީ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

އެކަހަލަ ދެ ތިން ހާދިސާއެއްގެ ވާހަކަ ހިއްސާކުރަމުން ސަނާ ޝައިހު ބުނެފައި ވަނީ ފިލްމަކުން ރޯލެއް ހުށަހެޅުމަށްފަހު އެ ރޯލް ކާމިޔާބު ކުރުމަށް ކޮންމެ ފަދަ ކަމެއް ކުރަން ތައްޔާރަށްތޯ ހުރީ ވަރަށް ގިނަ ޕްރޮޑިއުސަރުން އަހާފައިވާ ކަމަށެވެ.

ގިނަ ޕްރޮޑިއުސަރުން އެ ސުވާލުކޮށްފައި ވަނީ ނުސީދާ ގޮތަކަށް ކަމަށާއި އެއިން ކޮންމެ މީހަކަށް ވެސް ސަނާ ދިން ޖަވާބަކީ ފިލްމުގައި ކުޅޭ ރޯލް ފުރިހަމަކަމާ އެކު ނިންމުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް ކަމުގައި ބަތަލާ ވަނީ ބުނެފައެވެ.

ބޮލީވުޑް ބަތަލާ ފާތިމަތު ސަނާ ޝައިހް ފިލްމު "ޑަންގަލް"ގެ ތަރިންނާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބައެއް ޕްރޮޑިއުސަރުން ބުނެފައިވާ ގޮތުގައި ސައުތު ސިނަމާގެ ބަތަލާއިންނަށް ބޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބެނޭ އެމީހުން ކަނޑައަޅާ ވަކި ބަޔަކާ ބައްދަލުކުރުމުން ކަމަށް ފަތިމާ ސަނާ ވަނީ ބުނެފައެވެ.

އެފަދަ ކޮންމެ ހާލަތަކުން ވެސް ސަނާ ސަލާމަތްކަން ހޯދީ ވިސްނުމުގެ ބޭނުންކޮށްގެން ކަމަށާއި އެއީ ވަކި ސައުތު ސިނަމާއިން އެކަނި ކުރިމަތިވާ ކަންކަން ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެކަހަލަ މީހުން އިންޑިއާގެ ވަރަށް ގިނަ ފިލްމު އިންޑަސްޓްރީގައި އުޅޭ ކަމަށާއި ގިނަ ފަހަރަށް އެފަދަ ކަންކަން ދިމާވަނީ ވެސް ބަތަލާއިންނާ ކަމަށް ސަނާ ޝައިހް ވަނީ ބުނެފައެވެ.

ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ވަރަށް ގިނަ ބަތަލާއިންނަކީ ވެސް މިފަދަ ކަންކަން ތަޖުރިބާކޮށް އެކަންކަން ސޯޝަލްމިޑިއާ މެދުވެރިކޮށް އިއުލާނު ވެސް ކޮށްފައިވާ ބަތަލާއިންނެވެ.

comment ކޮމެންޓް