ބޮބީ އާއި ރާގަވްއަށް އާރްޔަންގެ ވެބް ސީރީސްގެ އާދަޔާ ޚިލާފު ރޯލްތަކެއް

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރިޔަން ޚާން ފިލްމު އިންޑަސްޓްރީއަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވާ ވެބް ސީރީސްގެ ވަރަށް އާދަޔާ ޚިލާފު ރޯލްތަކުން އެކްޓަރު ބޮބީ ޑިއޯލާއި ރާގަވް ޖުޔަލް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދިފަހުން ބޮބީ އާއި ރާގަވް ފެނުނީ ވަރަށް ވަރުގަދަ ވިލެންގެ ރޯލްތަކުން ނަމަވެސް އާރިޔަންގެ ވެބް ސީރީސް "ދަ ބޭޑްއޭސް އޮފް ބޮލީވުޑް"އިން ދެ ތަރިން ފެންނާނީ ވިލެންގެ ރޯލްތަކުން ނޫންކަމަށް ކަށަވަރުވެފައިވާ ކަމަށް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ.

ބޮބީ އާއި ރާގަވް ކުޅުނު ނެގެޓިވް ރޯލްތަކުން ބެލުންތެރިންގެ ތަރުހީބު ދެ ތަރިންނަށް ލިބިފައި ވަނިކޮށް އަނެއްކާވެސް މުޅިން ތަފާތު ރޯލްތަކެއް ދެ ތަރިންނަށް ހުށަހެޅި ހުށަހެޅުމަކީ އާރިޔަން ނެގި ރިސްކެއް ކަމަށް ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.

އާރިޔަން އާއި ޝާހްރުކް ޚާން އާރިޔަންގެ އަމިއްލަ އަންނައުނު ބްރޭންޑެއް ކަމަށްވާ ޑިޔަވުލްގެ އިޝްތިހާރެއްގައި--ފޮޓޯ/ފިލްމުފެއަ

ސަބަބަކީ ބޮބީ އާއި ރާގަވް ވިލެންގެ ރޯލްތަކުން ދެއްކި އެކްޓިންގް ވަރަށް ތަފާތު ކަމަށާއި ދެ ތަރިންގެ ކިބައިގައި ނެގެޓިވް ރޯލްތައް ކުޅުމުގެ ހުނަރު މާބޮޑަށް ވެސް އެބަހުރި ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް އާރިޔަންގެ ވެބް ސީރީސްއިން ބޮބީ އާއި ރާގަވް ފެންނާނީ މިހާތަނަށް ބެލުންތެރިންނަށް ދެ އެކްޓަރުން ފެނިފައިނުވާ ފަދަ ތަފާތު އެހާމެ ވަރުގަދަ ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ބޮބީ އާއި ރާގަވް އެކީގައި ސްކްރީނުން ފެންނާނެ އަދި ދެ ތަރިން އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ.

ނެޓްފްލިކްސްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައިވާ "ދަ ބޭޑްއެސް އޮފް ބޮލީވުޑް"އަކީ އާރިޔަން ޚާން އާއި ބިލާލް ސިއްދީޤީ ގުޅިގެން ސްކްރިޕްޓް ތައްޔާރުކޮށް އާރިޔަން އަމިއްލައަށް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ.

"ދަ ބޭޑްއެސް އޮފް ބޮލީވުޑް"ގެ އެކްޓަރު ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާ--ފޮޓޯ/ހިންދުންސްތާން ޓައިމްސް

މި ސީރީޒްގެ މާބޮޑު ތަފުސީލުތަކެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު ދާދިފަހުން ޝާހްރުކް ވަނީ އާރިޔަންގެ ސީރީޒްގެ ހާއްސަ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

ފިލްމު އިންޑަސްޓްރީގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒްގެ ހާއްސަ ފެނިލުންތަކުން ފެންނާނެ ތަރިންގެތެރޭ ޝާހްރުކް ޚާން، ސަލްމާން ޚާން، ރަންބީރު ކަޕޫރު، ރަންވީރު ސިންގް، އާލިއާ ބަޓް، އަނަނިޔާ ޕާންޑޭ، މޯނާ ސިންގް އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ހިމެނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އާރިޔަންގެ ވެބް ސީރީސްގެ މައިގަނޑު ރޯލްތަކުން ފެންނާނީ ފިލްމު "ކިލް"ގެ އެކްޓަރު ލަކްޝް ލަލްވާނީ އާއި ސަހެރް ބާމްބާއެވެ.

comment ކޮމެންޓް