މި ފެށޭ 2025ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް ނިންމާލައިފިއެވެ.
މި ބަހުސް ފެށީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއާއެކު އެކި މަރުހަލާތަކުގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ.
އަދި އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ.
ދަރަނި އަނބުރާ ދައްކަން އަންނަ އަހަރުގެ ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މިއީ، ފަހުގެ ތާރީޚެއްގައި ނިސްބަތުން އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ. މި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ. އެއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 7.9 އިންސައްތައެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ޖުމުލަ 11.5 ބިލިއަން ރުފިޔާގެ ފިސްކަލް އިސްލާހީ ފިޔަވަޅު ހިމަނާފައިވެއެވެ. ޚާއްސަ ގޮތެއްގައި ސަބްސިޑީތަކާއި، ދައުލަތުގެ ވެލްފެއާ ނިޒާމު ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ.
އެ ގޮތުން ސަބްސިޑީތައް ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތީ 7.9 ބިލިއަން ރުފިޔާއެވެ. އެއީ މި އަހަރުގެ ބަޖެޓާ އަޅާބަލާއިރު ތިން ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މާލީ ވުޒާރާއިން ބުނީ މިއީ އާ މަޝްރޫއުތަކަށް އެންމެ ބޮޑު އަދަދެއް ބަޖެޓުކުރެވޭ އަހަރަށްވާނެ ކަމަށެވެ.
އަދި ސީދާ ގޮތެއްގައި 1.5 ބިލިއަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ވަނީ ބަޖެޓުކޮށްފައެވެ. އެއީ، މިހާތަނަށް ގެދޮރުވެރިކަމަށް ބަޖެޓުކުރި އެންމެ ބޮޑު އަދަދެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ މުޅި ރާއްޖެއަށް ބަހާލައިގެންނެވެ.
އަންނަ އަހަރުގެ ބަޖެޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވާފައިވަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއްގެ ގޮތުގައެވެ.
މި ފެށޭ 2025ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު، އެހެން އަހަރުތަކާ ޚިލާފަށް އެކުލަވައިލައިފައިވަނީ ވީހާވެސް ގިނަ މަޝްރޫއުތަކަށް ފުރުސަތު ލިބޭ ގޮތަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގާނޫނުގައި ބަޔާންކޮށްފައި އޮންނަނީ ދައުލަތުން ކޮންމެ އަހަރެއްގެ މައްޗަށް ޚަރަދުކުރާނެ ޕްރޮގްރާމް ބަޖެޓެއް އެކުލަވައިލައި، އެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
މި ބަޖެޓާ ގުޅިގެން އިދިކޮޅުން ފާޅުކުރާ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ބަޖެޓުގައި މަޝްރޫއުތަކުގެ ތަފުސީލު ނެތުމެވެ. ނަމަވެސް، ސަރުކާރުން ބުނަނީ ބަޖެޓު ހުށަހަޅާފައި އޮތީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ކަމަށެވެ. އެ ގޮތުން އަންނަ އަހަރުގެ ބަޖެޓުން މަޝްރޫއުތައް ހިންގާނީ ކެބިނެޓުން އެ މަޝްރޫއެއް ހިންގުމަށް ފާސްކޮށްގެންނެވެ.
މި ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައަޅައިފައިވާ ގްރާންޓު ކުޑަކޮށް ހުށަހަޅައިފައި އޮތުމުން ވެސް ފާޑު ކިޔުމާއި ކަންބޮޑުވުން އަމާޒުވިއެވެ.
ފެށޭ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އޮކްޓޫބަރު 31ގައެވެ. އެއީ މި އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް، މި އަހަރު ޚަރަދުކުރާނެ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރިތާ އެއް ދުވަސް ފަހުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓަކީ އެ އަހަރަކަށް ބަޖެޓުކުރި ފައިސާއިން ޚަރަދުތައް ފޫބެއްދެން ނެތުމުން އަހަރުގެ ބާކީބައިގައި ޚަރަދު ކުރުމަށް ކަނޑައަޅާ އިތުރު ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅިއިރު، ޚަރަދުކޮށްފައިވަނީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 76 އިންސައްތައެވެ.
މި ބަޖެޓުގެ ބަހުސް ނިމުނަސް މަޖިލީހުގެ ކޮމިޓީތަކުގައި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ.