ޔުއޭފާ ނޭޝަންސް ލީގުގެ ލީގު އޭގެ ގްރޫޕް ވަންގައި ޕޯޗުގަލްއާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ކްރޮއޭޝިއާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މެޗަށް ނުކުތްއިރު ވެސް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވާ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗު ކްރޮއޭޝިއާއިން އެއްވަރުކުރީ 1-1 އިންނެވެ.
ކުއާޓާ ފައިނަލުން ޖާގަ ލިބިފައިވުމާ އެކު ކްރޮއޭޝިއާގައި ކުޅުނު މި މެޗަށް ޕޯޗުގަލުން ވަނީ އެ ޓީމުގެ ފުރަތަމަ 11 ގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފައެވެ. މީގެ ތެރެއިން ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ބްރޫނޯ ފެނާންޑޭޒް، ބެނާޑޯ ސިލްވާ، ޕެޑްރޯ ނެޓޯ އަދި ކީޕާ ޑިއޮގޯ ކޯސްޓާ ޓީމާ އެކު ދަތުރު ކޮށްފައި ވެސް ނުވެއެވެ. އަދި، ޑިއޮގޯ ޑާލޯއާއި އެންޓޯނިއޯ ސިލްވާ އިނީ ބެންޗުގައެވެ.
މި ބަދަލުތަކާ އެކު ވެސް މެޗުގެ ލީޑު ނަގާފައިވަނީ ޕޯޗުގަލުންނެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖާއޮ ފީލިކްސްއެވެ. ކުއާޓާ ފައިނަލަށް ދިއުމަށްޓަކައި މެޗުން ޕޮއިންޓެއް ބޭނުންވާ ކްރޮއޭޝިއާއިން ވެސް ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ.
އަންޑްރޭ ކްރަމަރިޗް ފޮނުވާލީ ހަމަލާއެއް ޕޯޗުގަލްގެ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ. އެ ޓީމުން ހިތްވަރު އެލުވާނުލާ މަސައްކަތްކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 65 ވަނަ މިނެޓުގައި ޖޮސްކޯ ގުވަޑިއޯލް ކާމިޔާބުކޮށްދިން ލަނޑުން ކްރޮއޭޝިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ކްރޮއޭޝިއާއިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއްވަރު ޕޯޗުގަލްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް، މެޗުގައި ޕޯޗުގަލްގެ ގޯލް ބަލަހައްޓަމުންދިޔަ ހޯސޭ ސާ ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ.
މެޗު އެއްވަރުވުމުން ޕޯޗުގަލް އޮތީ ހަ މެޗުން ލިބިފައިވާ 14 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި، ކްރޮއޭޝިއާ މިވަނީ އަށް ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މުބާރާތުގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ސީޑު ކުރެވިފައިވާނެއިރު ކްރޮއޭޝިއާ ހިމެނިގެންދާނީ ސީޑު ނުކުރެވޭ ހަތަރު ޓީމުގެ ތެރޭގައެވެ.