ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް (އީއާރް) ބޮޑުކުރުމަށް ރޯޑް ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މާލެ ގުރޫފް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ.
މި މަޝްރޫއުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ހަލީމް ވިދާޅުވީ، އެ ހޮސްޕިޓަލްގެ އީއާރްއަށް ގިނަ އަދަދެއްގެ މީހުން އަންނަ ކަމަށާއި މި ވަގުތު އީއާރްގައި ބޭނުން ކުރަމުން ދަނީ ހަތް އެނދު ކަމަށެވެ.

ދެ މަސްތެރޭ، ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ބޮޑުކުރަން އާރްޑީސީއާ ހާވަލުކުރުން: މި މަޝްރޫއު ނިމޭއިރު އެ ހޮސްޕިޓަލްގެ އީއާރްގައި ހުރި ހަތް އެނދު 14 އެނދަށް އިތުރުވާނެ --- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް
ހަތް އެނދަކީ އެ ހޮސްޕިޓަލާ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އެއަށް ވުރެ ގިނަ ބަލި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭ ކަމަށް ޙަލީމް ވިދާޅުވިއެވެ.
ޓާޝަރީ ހޮސްޕިޓަލެއް ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލް ކުރިއަށް ގެންދާއިރު އީއާރް ބޮޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި މިހާރު ބޮޑުކުރަނީ ހަތް އެނދުން 14 އެނދުގެ އީއާރްއަކަށް ކަމަށް ހަލީމް ވިދާޅުވިއެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ދެ މަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

ދެ މަސްތެރޭ، ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ބޮޑުކުރަން އާރްޑީސީއާ ހާވަލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ހުޅުމާލެ ހޮސްޕިޓަލް
ޙަލީމް ވިދާޅުވީ އީއާރް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެތަނުގެ ޚިދުމަތްތައް ދޭނީ ހޮސްޕިޓަލުގެ އެހެން ބަޔެއްގައި ކަަމަށާއި މަގުސަދަކީ ވީއެންމެ އަވަހަކަށް މި މަޝްރޫއު ނިންމައިގެން ޚިދުމަތް ދޭން ފެށުން ކަމަށެވެ.
އެނގިވަޑައިގަންނަވާނެ ޓާޝަރީ ލެވެލަށް ގެނެސް މިތަނުގައި އެހެން ޚިދުމަތްތައް ފުޅާކުރަމުން ދާއިރު، އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް މި ވަނީ މި ތަނުގެ ބެޑް ކެޕޭސިޓީގެ މައްސަލަ. ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ވެސް އަޅުގަނޑުމެން ތައްޔާރު ވަމުން އެބަ ދަން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ކުރީކޮޅުގައި މި ހޮސްޕިޓަލްގައި 28 އެނދު އިތުރުކުރާނެސީއީއޯ އިބްރާހީމް އަބްދުއް ރައްޒާގު ހަލީމް
އީއާރް ބޮޑުކުރުމުގެ މަސައްކަތް އާރްޑީސީއާ ހާވާލުކުރީ އެ ކުންފުންޏަކީ ވަރަށް ތަޖުރިބާ ހުރި ކުންފުންޏަކަށް ވުމާއި މިހާރު ހިނގާ މަޝްރޫއުތައް ވެސް ބޭނުންވާ ފެންވަރަށް ބާރު ސްޕީޑުގައި ނިންމާތީ ކަން ހަލީމް ވަނީ ފާހަގަކުރައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނި ގޮތުގައި، މި އަހަރުގެ މިހާތަނަށް ހުޅުމާލޭ ހޮސްޕިޓަލްގެ އިމަޖެންސީއާއި ޖީއޯޕީޑީ ޚިދުމަތް 250،000 އަށް ވުރެ ގިނަ މީހުން ހޯދާފައިވެއެވެ. އެގޮތުން، މި މަޝްރޫއު ނިމުމުން ފުރިހަމަ އީއާރެއް ލިބި، ކްރިޓިކަލް ކޭސްތަކަށް ފަރުވާ ދިނުމާއި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.