ހީނާ ޚާން އަނެއްކާވެސް ރާއްޖޭގައި، މިފަހަރު އައީ ލޯބިވެރިޔާއާ އެކު

ހީނާ ޚާން ދިޔަ ޑޯލްފިން ކްރޫސްގެ ދަތުރުގެތެރޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ޚާން އަނެއްކާވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

މިދިޔަ މަހު ވެސް ހީނާ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައިވާއިރު މިފަހަރު ބަތަލާ ރާއްޖެ އައީ ލޯބިވެރިޔާ ރޮކީ ޖޭސްވާލްއާ އެކުއެވެ. ހީނާ އާއި ރޮކީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ޖޯއި އައިލޭންޑް ރިސޯޓު މޯލްޑިވްސް ބައި ކޮކޯންގައެވެ.

ހީނާ ލޯބިވެރިޔާ ރޮކީއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް
ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނައިރު ހީނާ ވަނީ މިފަހަރުގެ ދަތުރުގައި ސްނޯކްލިންގް ވެސް ތަޖުރިބާކޮށްފައެވެ.

އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުންދާ ބަތަލާ ބުނެފައި ވަނީ ރާއްޖޭގެ ގުދުރަތީ މާޙައުލުން އޭނާ އުފާވެރިކަން ހޯދަމުން އަންނަ ކަމަށާއި މިފަހަރުގެ ދަތުރުގައި ދެވުނު ޑޯލްފިން ކްރޫސް ދަތުރު ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

ހީނާ އަންނަނީ ކެންސަރުގެ ތިން ވަނަ މަރުހަލާ ނުވަތަ ސްޓޭޖް ތްރީއަށް ފަރުވާ ހޯދަމުންނެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ވެސް ދިރިއުޅުމުގެ ދުވަސްތައް އުފާވެރިކަމާ އެކު ހޭދަކޮށް އާއްމުންނަށް ދައްކަމުން އަންނަ ހިތްވަރާ އެކު ވަރަށް ގިނަ ބަޔަކު އަންނަނީ ހީނާއަށް ތައުރީފު ކުރަމުންނެވެ.

ހީނާ ޚާން ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖޯއި އައިލޭންޑް ރިސޯޓު--ފޮޓޯ/އިންސްޓަގްރާމް

ހީނާ އަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ސެލެބްރިޓީންގްތެރެއިން ވަރަށް ގިނައިން ރާއްޖެއަށް ޒިޔާރަތްކުރާ ފިލްމީ ތަރިއެކެވެ. ޓީވީ ސިލްސިލާ "ޔޭ ރިޝްތާ ކެހެލާތާހޭ"އިން ބޮޑޫ މަޝްހޫރުކަމެއް ހޯދި ބަތަލާ ފަހުން ވަނީ ބައެއް ރިއަލިޓީ ޝޯތަކުން ވެސް ފެނިފައެވެ.

އޭގެތެރޭގައި ކަލަސްގެ 'ބިގް ބޮސް' އަދި "ޚަތުރޯން ކޭ ކިލާޅީ" ހިމެނެއެވެ. މި އަހަރުގެ ޖޫން މަހުތެރޭ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަކަން އިއުލާނު ކުރުމަށްފަހު ހީނާ އަންނަނީ އެ ބައްޔާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ހީނާގެ ފަރުވާއާ ބެހޭ އެންމެ ފަހުގެ ޚަބަރުތައް އާއްމުންނާ ހިއްސާކުރަމުންނެވެ.

comment ކޮމެންޓް