އިންޑިއާގެ ސިޔާސީ ޕާޓީ ޝިވް ސޭނާ ތަމްސީލުކުރާ ކުރީގެ ފިލްމީގެ ތަރި ގޯވިންދާގެ ހާލު ކުއްލި ގޮތަކަށް ދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ކުރީގެ އެކްޓަރުގެ ހާލު ދެރަވާން ފެށީ ސިޔާސީ ޕާޓީ ޝިވް ސޭނާއިން ކުރިއަށްގެންދިޔަ ކެމްޕޭން ހަރަކާތެއްގައި އުޅެނިކޮށް ކަމަށެވެ.
އިންޑިއާގެ ސިޓީއެއް ކަމަށްވާ ޖަލްގައޯންގައި ކުރިއަށްދިޔަ ސިޔާސީ ރޯޑް ޝޯގައި ގޯވިންދާގެ ހާލު ދެރަވީ އެ ސިޓީގެ ޕަޗޯރާ ކިޔާ ސަރަހައްދަށް ހުއްޓި މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ވޯޓު ދިނުމަށް އެދި ގޮވާލަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގޯވިންދާއަށް އުނދަގޫތަކެއްވާ ކަމުގެ އިހުސާސް ކުރެވި މެއަށް ތަދުވާން ފެށުމުން ވަގުތުން ހެލިކޮޕްޓަރެއް މެދުވެރިކޮށް މުމްބާއީގެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެވިފައެވެ.
ގޯވިންދާ ހޮސްޕިޓަލަށް ގެންދެވުނުއިރު އާއިލާގެ މެމްބަރުން ތިބި ކަމަށް ބޮލީވުޑް ހަންގާމާގައި ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅޭގޮތުން މިހާތަނަށް ގޯވިންދާގެ ފަރާތުން ރަސްމީކޮށް ބަޔާނެއް ނެރެފައި ނެތްއިރު ގޯވިންދާގެ ހާލަތާ މެދު އެކްޓަރަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދާދިފަހުން ގޯވިންދާ އަމިއްލައަށް ގެންގުޅުނު ބަޑިއެއް ސާފުކުރުމުގެ ތެރޭ އޮޅިގެން އެއަށް ފިތި އޭގެ ވަޒަނެއް ދޫވެ ފަޔަށް އަމާޒުވުމުން ލިބުނު ޒަޚަމްތަކަށް ވެސް އެކްޓަރު ވަނީ ފަރުވާ ހޯދާފައެވެ.