ނަޔަންތާރާގެ ޑޮކިއުމެންޓްރީ ފިލްމާ ދެކޮޅަށް ދައުވާކޮށްފި

މާދަމާ ނެޓްފްލިކްސްގައި ޕްރީމިއާ ކުރާގޮތަށް ތާވަލުކޮށްފައިވާ ސައުތު ސިނަމާގެ ބަތަލާ ނަޔަންތާރާގެ ޑޮކިއުމެންޓްރީ ފިލްމާ ދެކޮޅަށް ތަމަޅަ އެކްޓަރު ދަނުޝް ދައުވާކޮށްފިއެވެ.

ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރު އަދި ޕްރޮޑިއުސަރުންގެތެރޭ ހިމެނޭ ދަނުޝް ނަޔަންތާރާގެ ފިލްމާ ދެކޮޅަށް ދައުވާ އުފުލާފައި ވަނީ 2015 ވަނަ އަހަރު ދަނުޝް ޕްރޮޑިއުސްކުރި ފިލްމުގެ ނުރަސްމީ ސީންތަކެއް ނަޔަންތާރާގެ ޑޮކިއުމެންޓްރީގައި ހިމެނުމާ ގުޅިގެންނެވެ.

ނަޔަންތާރާ މުހިއްމު ރޯލެއް ކުޅުނު ފިލްމު "ނާނަމް ރައުޑީ"އަކީ ދަނުޝް ޕްރޮޑިއުސްކުރި ފިލްމެކެވެ. މި ފިލްމުގެ ނުރަސްމީ ފުޓޭޖް (ބިހައިންޑް-ދަ-ސީން-ކްލިޕްސް)ތައް ނަޔަންތާރާގެ ޑޮކިއުމެންޓްރީގައި ހިމެނުމުން ބަދަލުގެ ގޮތުގައި 10 ކްރޯޑު އިންޑިއާ ރުޕީސް ދަނުޝްއަށް ދެއްކުމަށް އެކްޓަރު ވަނީ ކޯޓުގައި ހުށަހަޅާފައެވެ.

ނަޔަންތާރާ ފިރިމީހާ އަދި ޕްރޮޑިއުސަރު ވިގްނޭޝް ޝިވަންއާ އެކު--ފޮޓޯ/ފިލްމުފެއަ
މި މައްސަލައާ ގުޅިގެން ނަޔަންތާރާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދަނުޝް ޕްރޮޑިއުސްކުރި ފިލްމު "ނާނަމް ރައުޑީ"އަކީ ބަތަލާގެ ކެރިއަރުގެ ވަރަށް މުހިއްމު ފިލްމެއް ކަމަށާއި އެ ފިލްމުގެ މަންޒަރުތަކާ އެކު ލަވަތަކުން ކޮންމެވެސް މިންވަރެއް ޑޮކިއުމެންޓްރީގައި ހިމެނުމަށް ދަނުޝްގެ ގާތުން ދެ އަހަރު ދުވަސް ވަންދެން ހުއްދައަށް އެދުނު ކަމަށެވެ.

އެހެންނަމަވެސް ފިލްމުގެ ލަވައިން ތަންކޮޅެއް ވެސް އަދި ލަވަތަކުގެ ޅެމުން ބައެއް ވެސް ބޭނުންކުރުމުގެ ހުއްދަ ދަނުޝް ނުދިން ކަމަށާއި އެކަމާ ހިތާމަކުރާ ކަމަށް "ޖަވާން"ގެ ބަތަލާ ވަނީ ބުނެފައެވެ.

ދަނުޝްގެ ފަރާތުން ނަޔަންތާރާގެ ޑޮކިއުމެންޓްރީ "ނަޔަންތާރާ: ބިޔޯންޑް ދަ ފެއަރީޓޭލް"އާ ދެކޮޅަށް ގާނޫނީ މައްސަލަ ހުށަހަޅާފައި ވަނީ އެ ޑޮކިއުމެންޓްރީގެ ޓްރެއިލާ ރިލީޒްކުރުމުންނެވެ.

މާޒީގައި ހިތްހަމަނުޖެހޭ ކަންކަމާ ދިމާވެފައިވީ ނަމަވެސް ކަންކަމާ މެދު ދެކޭގޮތް ބަދަލުކޮށް އެކަކު އަނެކަކާ މެދު ރުޅިވެރިކަން ނުބޭއްވުމަށް ނަޔަންތާރާގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ދަނުޝްއަށް ނަސޭހަތްތެރިވެފައެވެ. މި މައްސަލައާ ގުޅިގެން ދަނުޝްގެ ފަރާތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް