އިބްރާހީމް، ލޯބިވެރިޔާ ޕަލަކްއާއެކު ޗުއްޓީއަށް ރާއްޖެއަށް

އިބްރާހީމް އަދި ޕަލަކް ރާއްޖޭގައި--ފޮޓޯ/ޕިންކްވިލާ

ފިލްމީ ތަރި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން ލޯބިވެރިޔާ ޕަލަކް ތިވާރީއާއެކު ރާއްޖެ އަތުވެއްޖެއެވެ.

އިބްރާހީމް އާއި ޕަލަކް އެކީގައި ރާއްޖެ އައި ނަމަވެސް މިހާތަނަށް ދެ މީހުން ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ އެއްވެސް ފޮޓޯއެއްގައި ދެ މީހުން އެކީގައި ހުންނަތަން ފެނިފައެއް ނުވެއެވެ.

ޕަލަކްގެ ފޮޓޯތަކުން އެނގޭ ގޮތުގައި ދާދި ފަހުން ފިލްމީ ދާއިރާއަށް ތައާރަފުވި ބަތަލާ މިވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓުގައެވެ. މި ރިސޯޓުގައި ނަގާފައިވާ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯ ރީލްސްތައް ޕަލަކް އަންނަނީ އޭނާގެ ސަޕޯޓަރުންނާ ހިއްސާކުރަމުންނެވެ.

ޕަލަކް ތިވާރީ އަދި އިބްރާހީމް އަލީ ޚާން--ފޮޓޯ/ކޮއިމޮއި
ނަމަވެސް އިބްރާހީމް މިހާތަނަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އެއްވެސް ފޮޓޯއަކުން އޭނާ ހުރި ކޮން ރިސޯޓެއްގައި ކަން ބުނެފައެއް ނެތެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ދެ މީހުން އެއްކޮށް ނޫޅޭކަން އަންގަންވެގެން އިބްރާހީމް ގަސްތުގައި ހުރިތަން ބުނެފައި ނުވަނީ ކަމަށާއި ޕަލަކް އާއި އިބްރާހީމް ރާއްޖެ އައިސްފައި ވަނީ އެކީގައި ކަމަށެވެ.

އިބްރާހީމް އާއި ޕަލަކް ލޯބީގެ ގޮތުން އުޅޭކަމުގެ ޚަބަރުތައް މީޑިއާގައި ދައުރުވާން ފަށާފައި ވަނީ 2022 ވަނަ އަހަރުން ފެށިގެން ދެ މީހުން އެކީގައި ފިލްމީ ހަފުލާތަކުންނާއި އެކިއެކި ޕާޓީތަކުން އެކީގައި ފެންނަ މިންވަރު ގިނަވާން ފެށުމުންނެވެ.

ޕަލަކް ތިވާރީ އަކީ މަޝްހޫރު ޓީވީ ޑްރާމާ "ކަސޯޓީ ޒިންދަގީ ކީ"އިން ބޮޑު މަޝްހޫރުކަމެއް ލިބުނު ބަތަލާ ޝްވެތާ ތިވާރީގެ ދޮށީ ދަރިފުޅެވެ. ޕަލަކް ފިލްމީ ދާއިރާއަށް ތައާރަފުވީ ސަލްމާން ޚާންގެ ފިލްމު "ކިސީ ކާ ބާއީ ކިސީ ކާ ޖާން"އިންނެވެ. ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ ކުރިން ވެސް ޕަލަކް އަކީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހޯދަމުން އަންނަ އެއް ''ސްޓާ ކިޑް''އެވެ.

ސައިފް އަލީ ޚާން އާއި ބަތަލާ އަމްރީތާ ސިންގްގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން އިބްރާހީމް އަލީ ޚާން ފިލްމީ ދާއިރާއަށް ތައާރަފުވުމަށް ނިންމާފައި ވަނީ "ސަރްޒަމީން"ގެ ނަމުގައި އުފައްދާ ފިލްމަކުންނެވެ.

މި ފިލްމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

އިބްރާހީމް ވަނީ މީގެކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް