ރާއްޖެއަަށް އިގުތިސާދީ ކާރިސާއެއް ކުރިމަތިވެގެން އުޅެނީ މި ސަރުކާރުގެ އިސްރާފުގެ ސަބަބުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ކުރިޔަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީރުވަނީ ޚަރަދު ކުޑަކުރުމަށް ޓަކައި ސަރުކާރުން ގެންގުޅޭ މާލީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"މި ކްރައިސިސް މި އަންނަން ޖެހުނީ ހަގީގަތުގައި މި ބޭފުޅުން ސިޔާސީ މުވައްޒަފުން އިތުރުކޮށްފައި، އިތުރު އިސްރާފުތަކާއި އަދި 38 މިިލިއަން ޑޮލަރަށް ޑްރޯންތަކެއް ގަނެފައި، މި ކަންތައްތަކެއް ކުރަން ޖެހުނީމާ އިގުތިސާދީ ކާރިސާއެއް އައިސްގެން މި އުޅެނީ" އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ސަރުކާރުގެ އިސްރާފާއި ޚަރަދުތައް ކުޑަކުރަން މަސައްކަތްކޮށްފައިވާ ތަން އެއްވެސް ވަރަކަށް ފެންނަން ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ސީދާ ރައްޔިތުންނާ ގުޅިފައިހުރި އާސަންދައާއި، ސަބްސިޑީއާއި ބާސިކް ޕެންޝަނުން ތިން ބިލިއަން ރުފިޔާ އުނިކޮށްފައިވާ ކަމަށާއި، ރިފޯމް ގެންނަން މި އުޅެނީ ހަމަ އެކަނި މި ކަންކަމުން ކަމަށް އަމީރު ވިދާޅުވިއެވެ.
މިދިޔަ 2023ވަނަ އަހަރު އެމްޑީޕީގެ މުޅި ސަރުކާރުގައި ހިމަނާފައި އޮތީ ގާތްގަނޑަކަށް 42،823 މުވައްޒަފުންނެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި 51،705 މުވައްޒަފުން ހިމަނާފައި ވެއެވެ. އެއީ މި އަހަރު ތިބި ޖުމްލަ މުވައްޒަފުންގެ އަދަދަށްވުރެ އަށެއްކަ ހާސް އިތުރު އަދަދެއްކަން ފާހަގަ ކުރައްވައި، އަމީރުވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އިތުރު މުވައްޒަފުންތަކެއް ނެގުމުގެ ބަދަލުގައި ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަން ހަނިނުކޮށް ބޭއްވިދާނެކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ހަގީގަތުގައި އާސަންދައަށް ވެސް އެންސްޕާއަށް ވެސް އަދި ޕެންޝަނުގެ ނިޒާމަށް ވެސް ރިފޯމު ގެންނަންޖެހޭ. އަޅުގަނޑުމެން މި ދެކޮޅުހަދަނީ، މި ބޭފުޅުން އެއްވެސް މައުލޫމާތެއް ހިއްސާނުކޮށް، މި ބޭފުޅުން މި ގެންނަން ބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ކަމަކު ނުދެއޭ" އަމީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ 2008ގެ ކުރިން ރާއްޖޭގައި އޮތް ސަލާންޖެހުމުގެ ސަގާފަތް ގެނައުމަށް ޓަކައި މި ސަރުކާރުގެ ސިއްރު އެޖެންޑާއެއްގެ ތެރެއިން ކުރިޔަށް ގެންދާ ކަންތައްތަކެވެ.
އަމީރު ވިދާޅުވި ގޮތުގައި އުފެދޭ ކަންބޮޑުވުމަކީ ސަރުކާރުން ގެންނަން އުޅޭ ރިފޯމުގެ އެއްވެސް ތަފުސީލެއް ނޭނގުމެވެ.