ސަރުކާރު ކުންފުނިތަކުގެ ތެރެއިން ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ މުސާރައާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެއްވަރުކުރަން ގަވަރުނަރު އަހުމަދު މުނައްވަރު ލަފާދެއްވައިފިއެވެ.
އޭނާ މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގައި ކުރިއަށްގެންދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. މުނައްވަރު ވިދާޅުވީ، ސަރުކާރު ހިއްސާވަ ކުންފުނިތައް ރިފޯމް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 10 އަހަރުތެރޭ ރިކަރަންޓު ޚަރަދުތައް ނެގުމަށްފަހު އެންމެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، މިހާރު ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް އިދާރާތައް ހިންގުމަށް ސަރުކާރުން ފައިސާ "ޕަމްޕު" ކުރާކަމަށެވެ.
"މިތަންތަނުގެ މުސާރަތައް އަޅުގަނޑު ދަންނަވާނީ މިއީ ވަރަށް މުހިންމު ކަމެކޭމީ ރިވިއު ކުރުން މުރާޖާ ކުރުން. ސަރުކާރުން އެބޭފުޅުންނަށް މުސާރަދޭކަމަށް ވާނަމަ އެ މުސާރައަކީ ސިވިލް ސާވަންޓުންގެ މުސާރައާ އެއްވަރު ނުވަތަ އެއަށްވުރެ ދަށް މުސާރައަކަށް ހަދަން ޖެހޭ،" ގަވަރުނަރު ވިދާޅުވިއެވެ.
އެހެންނޫން ނަމަ، ރިފޯމްގެ ހެޔޮ ބަދަލު ފެންނާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"އެއީ ސަރުކާރުން ހަމަ ކޭޝްފްލޯ ގޮތުގައި ޑައިރެކްޓްލީ ނުވަތަ އިންޑައިރެކްޓްލީ ޕަމްޕު ކުރާ ފައިސާތަކަކަށް ވާތީ،" މުނައްވަރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ބައެއް ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށައިފައެވެ. އަދި ސަރުކާރު ބައެއް ވެރިންގެ މުސާރައާ ގުޅޭ ގޮތުން ބައެއް ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ނިންމަވައި އިއުލާނު ކުރައްވައިފައެވެ.
އެގޮތުން ނިންމަވާފައި ވަނީ:
-
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.
-
ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
-
މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
-
މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން