މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ބާއްވާ ''ދާލަން: ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ''ގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.
މާދަމާއާއި ހޮނިހިރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯގައި ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކާއި އެކި ކުންފުނިތަކުގެ އިތުރުން ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، މަތީ ތައުލީމުދޭ މަރުކަޒުތައް ބައިވެރިވާނެއެވެ. އަދި ކެރިއާ ގައިޑެންސާއި، މަތީ ތަޢުލީމުގެ ފުރުސަތުތަކާއި، ހުނަރު ތަރައްގީކުރުމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެއެވެ.
ޒުވާނުން ބާރުވެރިކުރުވައި، އެމީހުންނަށް ކުރިއަށް ދިއުމަށް މަގުފަހިކޮށްދިނުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މުހިންމު އަމާޒެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
އެގޮތުން، މި ޕާޓްނާޝިޕުން ދައްކުވައިދެނީ ހުނަރާއި، އީޖާދުކުރުން ކުރިއެރުވުމަށް ކުންފުނިން ދޭ އަހައްމިއްޔަތުކަން ކަމަށާއި މިފަދަ ޕްލެޓްފޯމްތަކަށް އެހީތެރިވުމުގެ ތެރެއިން، ދިރާގުގެ މަގުސަދަކީ ޒުވާނުންނަށް އެމީހުންގެ ގާބިލިއްޔަތު ދެނެގަތުމަށް އެހީތެރިވެ، މާދަމާގެ ޒިންމާތައް އުފުލުމަށް މަގުފަހިކޮށްދިނުން ކަމުގައި ދިރާގުން ވަނީ ބުނެފައެވެ.
ނޭޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ 2024 ގައި ދިރާގުގެ ސްޓޯލެއްވެސް ހުންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެ ސްޓޯލުން ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.