ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑާއި ޑްރަގް ކޯޓާ ދެމެދު މަޝްވަރާކުރީ މިދިޔަ މަހުގެ 17ވަނަ ދުވަހުއެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މަޝްވަރާގައި ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ހުކުމްކޮށް ފަރުވާ ތަންފީޒުކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމާއި، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވީ ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން ފުލުހުން މެދުވެރިކޮށް މިހާރު މަގުމަތިން ނަގަން ފަށަފައިވާ ކަމަށެވެ. އަދި ފަރުވާއަށް އެއްބާރުލުން ނުދޭ މީހުން އެކަމަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މަގުމަތީގަ ފަރުވާއަށް ނުގޮސް ހުކުމް ތަންފީޒުނުވެ ހުރުމުގެ ފުރުސަތު ދެނެއް އަޅުގަނޑުމެންނެއް ނުދޭނަން. ފަރުވާއަށް އަންނަން ޖެހޭ 200އަށް ވުރެ ގިނަ މީހުން އެބަތިބި. އޭގެ ތެރޭގައި އެކި ހާލަތްތަކުގަ ތިބި މީހުން ތިބޭނެ. އޭގެ ތެރޭގައި ކޮމިއުނިޓީއަށް ހުކުމްކޮށްފަ ތިބި މީހުންވެސް އެބަތިބި، އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު
ރާޝިދު ވިދާޅުވީ ބޮޑަށް ފޯކަސްކުރަނީ އެންޑީއޭގެ ސިސްޓަމްގެ ތެރެއަށް ނުވަދެ ތިބި މީހުން ހަމަމަގަށް އަޅުވާ، އެ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ކަމަށެވެ.
އަދި އެކަމަކީ ވެސް އުސޫލެއްގެ ތެރެއިން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޑްރަގް ފަރުވާއަށް ހުކުމްކޮށްފަ ތިބޭނީ އެންޑީއޭއަށް ފަރުވާއަށް އަންނަން އަންގާފައިވާ މީހުން ކަމަށެވެ.
ސަރުކާރުން ބުނިގޮތުގައި ފަރުވާ ތަންފީޒުކުރަން ފެށުމަށް ފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެންޑީއޭއިން މަޝްވަރާކޮށްފައިވާއިރު ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދޭ މަރުކަޒު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައެވެ. އެގޮތުން އެ މަރުކަޒުތައް ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ.
ހަމައެއާއެކު ރާއްޖެއިން ބޭރުން ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މެލޭޝިޔާގެ ސޮލޭސް އޭޝިއާ ސީޑީއެން ބީއެޗްޑީއާއެކު އެމްއޯޔޫގައި ސޮއިކުރެވި، އެންޑީއޭއިން ހުއްދަ ދީފައިވާ ސެންޓަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އަދި އެ އެޖެންސީން ދެމުންގެންދާ ރިމާންޑް ސެންޓަރުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން، އެންޑީއޭގެ ރެޒިޑެންޝަލް ފަރުވާގެ ޚިދުމަތްދެވޭ ހުރިހާ މަރުކަޒުތަކުން ރިމާންޑް ސެންޓަރުގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.