ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް ހިމެނޭހެން މެންބަރުންތަކެއް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.
މަޖިލީހަށް ހުށަހަޅާފައި ވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު އެ ކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރުމަށެވެ. އަދި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އަދި އެ ކޮމިޝަނުގެ މެންބަރު ތޯހާ މުހައްމަދުގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރުމަށެވެ.
މި ތިން މައްސަލަ އިތުރަށް ދިރާސާކޮށް ބެލުމަށްޓަކައި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ވަނީ ފޮނުވައިފައެވެ.
އެ ތިން ކޮމިޝަނުން މެންބަރުން ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވާފައި ވާއިރު، މިނިވަން މުއައްސަސާތަކުގެ ތެރެއިން އޭސީސީއާއި އީސީގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް ގާނޫނަށް ބަދަލުގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅައިފައެވެ. މަޖިލީހަށް ހުށަހެޅި ދެ ބިލު ބަލައިގަނެ، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައެވެ.
މި ދެ ބިލުގައި ވާގޮތުން، އޭސީސީ ނުވަތަ އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރުމަށް، ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މި ނަން ފާސްކުރުމަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހެއެވެ. އެ މަގާމުތަކުން އިސްތިއުފާދޭން ހުށަހަޅަން ޖެހޭނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން މަގާމުން ވަކިވަންދެން އެ މަގާމުގައި ދެމިތިބޭނެއެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ އޭސީސީ އަދި އީސީގެ ރައީސް އަދި ނައިބު ރައީސް އައްޔަނުކުރަނީ އެ ދެ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. މި ވޯޓުގެ ނަތީޖާ 28 ގަޑިއިރުތެރޭ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ.