ޚުދުމުޚުތާރު ވެރިކަމަކަށް ދިޔަނުދިނުމަކީ އެންމެންގެ ވާޖިބެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް، ޚުދުމުޚުތާރު ވެރިކަމަށް ރާއްޖެ ދިޔަނުދިނުމަކީ އެންމެންގެ ވެސް ގައުމީ ވާޖިބެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައިކަން ފާހަގަކުރައްވައިފައެވެ. އެއީ، މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއް ނެތި ބާރުތައް ލިބިފައިވާ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް ކަމަށް ވިދާޅުވެފައެވެ.

"ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައެވެ،" މި ފަދައިން ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ސާފު ސާދާ ޢިބާރާތުން ބުނެފައި އެ ވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭނެ ކަމަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެހެން ނަމަވެސް ވިދާޅުވީ، ހިތާމަޔަކީ ގާނޫނު އަސާސީގެ ރޫހާ، ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚުތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ އެންމެންގެ ވެސް ގައުމީ ވާޖިބެއް ކަމަށެވެ.

ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އުފެދުނު ދުވަހެވެ. އެއީ، ނޮވެމްބަރު 11، 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަށްވުމުގެ ޝަރަފު ލިބިލެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށެވެ.

comment ކޮމެންޓް