މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.
ރަސްމާލެ ހިއްކަން މިދިޔަ ޑިސެމްބަރު 18 ގައި ފެށީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލާށެވެ. އެކަމަކު، މަޝްރޫއު ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަންޖެހި، މަޝްރޫއު މަޑުޖެހިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
އެ މަޝްރޫއު ހިންގާ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އެކަމަކު، އެ ކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއެވެ. ހަމައެކަނި ބުނީ، އަލުން މަސައްކަތް ފެށި ވާހަކައެވެ.
ރަސްމާލެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެކަމަކު، ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެއެވެ.
ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ.
ސަރުކާރުން ނިންމާފައިވަނީ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާށެވެ. އެ ތަނުގައި 30،000 އެއްހައި ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއަށް 2025 ވަނަ އަހަރު 600 މިލިއަން ރުފިޔާ ހިމަނަން ސަރުކާރުގެ ޕްލޭންގައި އޮތްއިރު 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރޭވިއެވެ.
މި މަޝްރޫއަކީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ނަމަވެސް އިދިކޮޅު އެމްޑީޕީން ދެކޮޅު މަޝްރޫއެކެވެ.
އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި، އެ ފަޅަށް ޚަރަދުކުރުމުގެ ބަދަލުގައި އެ ފައިސާއިން، މިހާރު ހިއްކައި ނިމެމުން އަންނަ ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކޮށް، އެ ތަނުގައި ގޯތި ލިބުނު ރައްޔިތުންނަށް ދިރިއުޅެވޭ ގޮތް ހެދުމަކީ މި ވަގުތަށް އެންމެ މުހިންމު ކަންތަކެވެ.