ޓްރަމްޕްގެ އާ ޓޮޕް ޓީމު: ފްރޭމްގައި ހިމެނޭ ބައެއް ނަންތައް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސަރުކާރަށް އައްޔަން ކުރައްވާފައިވާ ޗީފް އޮފް ސްޓާފް، ސޫޒަން ސަމަރޯލް ވައިލްސް -- ފޮޓޯ/ޖެޓީ އިމޭޖަސް

މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަނިކުފާނުގެ ސަރުކާރަށް އެންމެ ފުރަތަމަ އައްޔަންކުރައްވާފައިވަނީ ޗީފް އޮފް ސްޓާފެވެ. އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސޫޒަން ސަމަރޯލް ވައިލްސްއެވެ. އޭނާއަކީ ޓްރަމްޕްގެ ކެމްޕޭނު މެނޭޖަރެވެ.

އިންތިޚާބީ ރައީސްގެ ޓްރާންސިޝަން ޓީމުން މިހާރު ވެސް އަންނަނީ ޖެނުއަރީ 20 ވަނަ ދުވަހު ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން ބައެއް މަގާމުތަކަށް ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތްކުރަމުންނެވެ.

ދެހާސް ސަތާރައިން 2021 އަށް ޓްރަމްޕް ވެރިކަން ކުރައްވާފައިވާއިރު، އެ ދައުރުގައި ޚިދުމަތް ކުރެއްވި ގިނަ ބަޔަކު މި ފަހަރުގެ ކެބިނެޓުން ނުފެނުން އެކަށީގެންވާ ނަމަވެސް ބައެއް ބޭފުޅުން މަގާމުތަކަށް ގެންނަން ރާވާފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޓްރަމްޕްގެ ކެބިނެޓާއި ވައިޓް ހައުސްއާއި މުޅި ފެޑެރަލް ސަރުކާރުގެ 4،000 އަށް ވުރެ ގިނަ މަގާމަށް މީހުން އައްޔަންކުރަންޖެހެއެވެ. އެއާ އެކު ޓްރަމްޕް ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންނަށް ބަލާލާނަމެވެ.

ޗީފް އޮފް ސްޓާފް: ސުސީ ވައިލްސް

ރިޔާސީ އިންތިޚާބުގައި ޓްރަމްޕަށް ކާމިޔާބުވުމުގެ ފަހަތުގައި ހުންނެވި އެންމެ މުހިންމު އެއް ބޭފުޅަކީ ވައިލްސްއެވެ.

ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު އެންމެ ފުރަތަމަ އިއުލާނުކުރެއްވި މަގާމަކީ ޗީފް އޮފް ސްޓާފްގެ މަގާމެވެ.

އެޓާނީ ޖެނެރަލް

އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ޓެކްސަސްގެ އެޓާނީ ޖެނެރަލް ކެން ޕެކްސްޓަންއާއި ޓްރަމްޕްގެ އެދުމުގެ މަތިން ސެޝަންސް މަގާމުން ވަކިވުމުން އެކްޓިން އެޓާނީ ޖެނެރަލްގެ މަގާމާ ތިން މަސް ދުވަހު ހަވާލުވެވަޑައިގެން މެތިއު ވިޓްޓޭކާއާއި، އަދި ކުރީގެ ނައިބު ރައީސް ޑިކް ޗޭނީގެ ގާނޫނީ ވަކީލު މާކް ޕައޮލެޓާ ހިމެނެއެވެ.

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލްގެ މަގާމު އައްޔަން ކުރައްވާނެ ކަމަށް ބެލެވޭ އެއް ބޭފުޅާ، މާކް ޕައޮލެޓާ. ފޮޓޯ/ޖެޓީ އިމޭޖަސް

ހޯމްލޭންޑް ސެކްރެޓަރީ

އިމިގްރޭޝަން އަދި ބޯޑަރު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމާއި، ގުދުރަތީ ކާރިސާތަކާ ގުޅޭ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކީ ހޯމްލޭންޑް ސެކްރެޓަރީއެވެ.

އެ މަގާމަށް އައްޔަންކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ބޭފުޅަކީ ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތަށް ތާއިދުކުރައްވާ ޓޮމް ހޯމަންއެވެ.

ހޯމްލޭންޑް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވޭ ޓޮމް ހޯމަން. ފޮޓޯ/ޖެޓީ އިމޭޖަސް

ހޯމަން ވަނީ ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) ގެ އެކްޓިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އެ މަގާމުގައި ހުންނަވައި، އަދި ސެންޗުއަރީ ސިޓީގެ ސިޔާސަތުތަކަށް ތާއީދުކުރާ ސިޔާސީ ބޭފުޅުންގެ މައްޗަށް ކުށުގެ ދައުވާ އުފުލަން ޖެހޭ ކަމަށް ވިދާޅުވެ، ވަކާލާތުކުރެއްވިއެވެ.

އެ ބޭފުޅާ ވަނީ ޓްރަމްޕްގެ ރިޔާސީ ދައުރުގެ މެދުތެރެއިން 2018 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، އޭނާ ވަނީ ޓްރަމްޕްގެ އިމްގްރޭޝަން ސިޔާސަތު އެކުލަވާލުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް

އެމެރިކާގެ ޚާރިޖީ ވަޒީރަކީ ޚާރިޖީ ކަންކަމާ ބެހޭ ގޮތުން ރައީސަށް ލަފާއަރުއްވާ އެންމެ އިސް ބޭފުޅާއެވެ. އަދި، އެހެން ގައުމުތަކުގައި އެމެރިކާ ތަމުސީލުކުރާއިރު، ސެކްރެޓަރީ އޮފް ސްޓޭޓް ނުވަތަ ޚާރިޖީ ވަޒީރަކީ އެންމެ އިސްކޮށް ހުންނަވާނެ ބޭފުޅާއެވެ.

ފްލޮރިޑާގެ ސެނެޓާ މާކޯ ރޫބިއޯއަކީ ޓްރަމްޕް އެ މަގާމަށް އައްޔަންކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ބޭފުޅާއެވެ.

ނަމަވެސް، ކުރިން ބެލެވުނު ގޮތުގައި އުމުރުން 53 އަހަރުގެ ރޫބިއޯ ވެގެންދާނީ ޓްރަމްޕްގެ ނާއިބު ރައީސަށެވެ. ޓްރަމްޕްގެ ނާއިބު ރައީސްގެ މަގާމަށް އައްޔަންކުރައްވާފައިވަނީ އެ މަނިކުފާނުގެ ގާތް އެކުވެރިޔާ ޖޭޑީ ވެންސެވެ.

ސެނެޓްގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ އިސް މެންބަރެއްގެ އިތުރުން ޗެމްބަރުގެ ސެލެކްޓް އިންޓެލިޖެންސް ޕެނަލްގެ ނައިބު ރައީސް އަދި ކިއުބަން އެމެރިކަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރޫބިއޯ އަކީ 2016 ވަނަ އަހަރުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ޓްރަމްޕާ ދެކޮޅަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ފަހުން އެ ބޭފުޅާ ވަނީ ޓްރަޕްމާ އެކު ވަރަށް ގާތުން މަސައްކަތްކުރައްވާފައެވެ.

ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް އައްޔަންކުރައްވާނެ ކަމަށް ބެލެވޭ މާކޯ ރޫބިއޯ. ފޮޓޯ/ޖެޓީ އިމޭޖަސް

ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އޮތް އެހެން ބޭފުޅުންގެ ތެރޭގައި ޓްރަމްޕްގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ރޮބަޓް އޯބްރައިއަންއާއި މީގެ ކުރިން ޖަޕާނުގައި ޓްރަމްޕްގެ ސަފީރުކަން ކުރެއްވި ޓެނެސީގެ ސެނެޓަރު ބިލް ހެގާޓީ ވެސް ހިމެނެއެވެ.

ޖަރުމަނުވިލާތުގައި ހުންނަވާ ޓްރަމްޕްގެ ސަފީރުގެ މަގާމާއި ބަލްކަންސްއަށް ޚާއްސަ މަންދޫބުގެ މަގާމާއި ގައުމީ ޖާސޫސީ ދާއިރާގެ އެކްޓިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި ރިޗަޑް ގްރެނެލް އަކީ ވެސް އެ މަގާމަށް އައްޔަންކުރައްވާފާނެ ކަމަށް ބެލެވޭ ބޭފުޅެކެވެ.

ޑިފެންސް ސެކްރެޓަރީ

އެމެރިކާގެ އަސްކަރިއްޔާ ބަލަހައްޓާ ސެކްރެޓަރީ އޮފް ޑިފެންސްގެ މަގާމަށް އައްޔަންކުރާނެ ބޭފުޅުގެ ތެރެއިން އެންމެ ކުރީގައި އޮތް ކަމަށް ބެލެވޭ ނަންފުޅަކީ ޓްރަމްޕްގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ނަންފުޅެވެ.

ކެންސަސްގެ ކުރީގެ ކޮންގްރެސް މެންބަރު، 60 އަހަރުގެ ޕޮމްޕެއޯ އެންމެ ފުރަތަމަ އަދާކުރެއްވީ ސީއައިއޭގެ ޑިރެކްޓަރުގެ މަގާމެވެ.

ޚާރިޖީ ގޮތުން ހަރުކަށި ސިޔާސަތުތަކެއް ގެންގުޅުއްވުމުގެ އިތުރުން އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ޕޮމްޕެއޯ ވަނީ އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލް އަވީވްއިން ގުދުސްއަށް ބަދަލުކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ.

މަޝްވަރާ ކުރަމުންދާ އަނެއް ނަމަކީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ހަތިޔާރު އެޅި ޚިދުމަތްތަކުގެ ކޮމިޓީގައި އިންނަވާ ފްލޮރިޑާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ މައިކަލް ވޯލްޓްޒްއެވެ.

ޑިފެންސް ސެކްރެޓަރީގެ މަގާމު ފުރުއްވާނެ ކަމަށް ބެލެވޭ މާކް ޕޮމްޕެއޯ. ފޮޓޯ/ޖެޓީ އިމޭޖަސް

ޓްރެޜަރީ ސެކްރެޓަރީ

ރިޕޯޓްތައް ބުނާ ގޮތުގައި ޓްރެޜަރީ ސެކްރެޓަރީއަކަށް ޓްރަމްޕް އައްޔަންކުރައްވާނީ އެމެރިކާގެ ވިޔަފާރީގެ މަންދޫބެއްގެ ގޮތުގައި ރިޕަބްލިކަން ޕާޓީން އިސްކޮށް އުޅުއްވި ރޮބާޓް ލައިޓްހައިޒާއެވެ.

އޭގެ އިތުރުން ޓްރަމްޕްގެ ކެމްޕޭނަށް ވަރަށް ބޮޑަށް ފަންޑުކޮށްދެއްވި އެ މަނިކުފާނުގެ އިގުތިސާދީ މުޝީރު އަދި ބިލިއަނަރު ސްކޮޓް ބެސެންޓް، ހެޖް ފަންޑު ދުނިޔޭގެ މެގަޑޯނާ ޖޯން ޕޯލްސަން، ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) ގެ ކުރީގެ ޗެއާ ޖޭ ކްލޭޓަން އަދި ޓްރަމްޕްގެ ގައުމީ އިގުތިސާދީ ކައުންސިލް ހިންގި ފޮކްސް ބިޒްނަސް ނެޓްވޯކްގެ ފައިނޭންޝަލް ކޮމެންޓޭޓަރު ލެރީ ކުޑްލޯ އަކީވެސް އެ މަގާމަށް އައްޔަނުކުރުން އެކަށީގެންވާ ބޭފުޅުން ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޓްރެޜަރީ ސެކްރެޓަރީ އަކަށް ޓްރަމްޕް އައްޔަން ކުރައްވާނެ ކަމަށް ބެލެވޭ ރޮބާޓް ލައިޓްހައިޒާ. ފޮޓޯ/ޖެޓީ އިމޭޖަސް

ޕްރެސް ސެކްރެޓަރީ

ޕްރެސް ސެކްރެޓަރީގެ މަގާމަށް ގެންނަވާނެ ކަމަށް ބެލެވެނީ ޓްރަމްޕް 2024 ކެމްޕޭންގެ ޕްރެސް ސެކްރެޓަރީ، 27 އަހަރުގެ ކެރޮލީން ލީވިޓްއެވެ. ލީވިޓްއަކީ މީގެ ކުރިން ވައިޓް ހައުސްގެ ޕްރެސް އޮފީހުގައި އެސިސްޓެންޓް ޕްރެސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ.

ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް. ފޮޓޯ/ޖެޓީ އިމޭޖަސް

ޕްރެސް ސެކްރެޓަރީ އަކީ އެންމެ ގިނައިން އާންމުންނާ ކުރިމަތިލާންޖެހޭ އެއް މޫނެވެ.

comment ކޮމެންޓް