އިޓާލިއަން ސެރީއާގައި ޔުވެންޓަސްއިން ޓޮރީނޯ ބަލިކޮށް، ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޓޮރީނޯގެ ދަނޑުގައި ކުޅުނު މި މެޗު ޔޫވޭއިން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.
މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ހަމަލާއެއްގައި މެޗުގެ ލީޑު ނަގައިދިނީ ޓިމޮތީ ވެއާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ މި ނަތީޖާއިން ޔޫވޭ ކުރީގައި އޮވެގެންނެވެ. މެޗުގައި ޔޫވޭގެ ފަހު ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 84 ވަނަ މިނެޓުގައި ޒުވާން ފޯވަޑް ކެނާން ޔިލްޑީޒްއެވެ.
މި ކާމިޔާބީއާ އެކު ޔޫވޭ މިހާރު ވަނީ ކުޅުނު 12 މެޗުން ލިބިފައިވާ 24 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް މި ވަގުތަށް ކުރިއަށް ޖެހިލާފައެވެ. ޓޮރީނޯ އޮތީ 14 ޕޮއިންޓާ އެކު ތާވަލުގެ 11 ވަނައިގައެވެ. މި ހަފުތާގައި އެޓަލާންޓާއާއި ފިއޮރެންޓީނާ އަދި ލާޒިއޯ ކުޅޭ މެޗުތައް އެ ޓީމުތަކުން ކާމިޔާބުކޮށްފި ނަމަ ޔޫވޭ އަނެއްކާ ވެސް ތަންކޮޅެއް ފަހަތަށް ވެއްޓިގެން ދިއުމަކީ ގާތްކަމެކެވެ.
އޭސީ މިލާނާއި ކަގްލިއާރީ ބައްދަލުކުރި މެޗު 3-3 އިންވީ އެއްވަރެވެ.
މެޗުގެ ދެވަނަ މިނެޓްގައި އެޓީމުން އުފެއްދި ހަމަލާއެއްގާ ނަދީރު ޒޯޓިއާވަނީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް، މިލާންގެ ރަފައެލް ލިއާއޮ މެޗުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ. ދެން ފެނިގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގައި ލިއާއޮ މި މެޗުގައި ޖެހި ދެވަނަ ލަނޑާ އެކު މިލާނަށް ލީޑު ނަގައިދިން ތަނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މިލާން ކުރީގައި އޮވެގެންނެވެ.
މިމެޗުގައި ކަގްލިއާރީއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހާދީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ގެބްރިއެލް ޒާޕާއެވެ. މިލާނުން ދެވަނަ ފަހަރަށް މިމެޗުގެ ލީޑު ނެގީ މެޗުގެ 69 ވަނަ މިނެޓުގައި ޓަމީ އަބްރަހަމް ޖަހާދިން ލަނޑުންނެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ރެއާލް މެދްރިޑްގެ ދަނޑުގައި ލީޑު ނަގާ އެލީޑު ދިފާއުކުރި ނަމަވެސް މި ފަހަރު މިލާނަށް އެކަން އެގޮތަށް ކުރެވޭގޮތެއް ނުވިއެވެ.
މެޗު ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް އަނެއްކާ ވެސް ޒާޕާ ޖަހާދިން ލަނޑުން ކަގްލިއާރިއިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިމެޗު އެއްވަރުވުމުން މިލާން މިހާރު އޮތީ 18 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައިގައެވެ. ކަގްލިއާރި އުޅެނީ 10 ޕޮއިންޓާ އެކު ތާވަލުގެ 16 ވަނައިގައެވެ.