ޕީއެންސީއަށް މެމްބަރުން އިތުރުކުރަނީ ސަރުކާރުގެ ނުފޫޒު ފޯރުވައި، މަޖުބޫރުކޮށްގެން ކަމަށް އިދިކޮޅުގެ ފަރާތްތަކުން ބުނަނީ ފިތުނަ އުފައްދައި ބައިބައި ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެންބަޝިޕް އިތުރުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ހަރަކާތް ފެށުމުގެ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވައި މުހައްމަދު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ޕާޓިއަށް އަޅާލެވިފައި ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރަށް ދެވަނަ ދައުރެއް ހޯދޭނީ ޕާޓީ ކުރިއަރުވައި، ޕާޓީއަށް މެންބަރުން އިތުރުކޮށްގެންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވާ ކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތަކުގެ ދަށުން ޕާޓީ ކުރިއެރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއަށް މެންބަރުން ބާރު ސްޕީޑުގައި އިތުރުކުރަމުންދާތީ، އިދިކޮޅުގެ ފަރާތްތަކުން އެއީ މަޖުބޫރުންނާއި ސިޔާސީ ނުފޫޒު ފޯރުވައި، މަގާމުގެ ބިރު ދައްކައިގެން ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުތައް ކުރެއެވެ.

ޕީއެންސީން މެންބަރުން އިތުރުކުރުމަށް މިއަދު ފެށި ހަރަކާތުގެ ތެރެއިން: އެ ޕާޓީން ވަނީ މެންބަރުންގެ އަދަދު 90،000އަށް ވުރެ ވެސް އިތުރުކުރެވޭނެ ކަމަށް ބުނެފައި -- ސަން ފޮޓޯ/ އިސްމާއީލް އަބްދުލް ޣަފޫރު
އެކަމަށް ރައްދު ދެއްވައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ޣައިރު ޒިންމާދާރުކޮށް، 3،000 މެންބަރުން ވެސް ހަމަނުވާ ޕާޓީތަކުން އެފަދަ ތުހުމަތުތައް ކުރުމުން ރައްޔިތުން އެކަން ބަލައެއް ނުގަންނާނެ ކަމަށެވެ.
ދެން އިދިކޮޅު ފަރާތްތަކުން ބައެއް ސިޔާސީ ބޭފުޅުން ހަގީގަތުގައި ވެސް އަޅުގަނޑުމެންނާ ދިމާލަށް ދެންމެ ފާހަގަކުރެއްވިހެން މަޖުބޫރުކޮށްގެންނޭ، އެކިއެކި ގޮތްގޮތަށް ސަރުކާރުން ނުފޫޒު ފޯރުވައިގެންނޭ ފޯމު ފުރަނީ، އެ ދައްކަނީ ވަރަށް ޣައިރު ޒިންމާދާރު ވާހަކައެއް. އެ ދައްކަނީ ރައްޔިތުންތެރޭ ފިތުނަ އުފައްދަން ދައްކާ ވާހަކައެއް. ރައްޔިތުން ބައިބައިކުރަން ދައްކާ ވާހަކައެއް، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް
އޭނާ ވިދާޅުވީ ޕީއެންސީގެ މަޖިލިސް މެންބަރުން ތިބީ މި ސަރުކާރު ދިފާއުކޮށް ރައީސްގެ ވައުދުފުޅުތައް ފުއްދުމަށްޓަކައި ގާނޫނު ހަދާ މަޖިލިސް ތެރެއިން ހަދަންޖެހޭ ގާނޫނުތަކާއި، އިސްލާހުކުރަންޖެހޭ ގާނޫނުތައް އިސްލާޙުކުރުމަށް ތައްޔާރަށް ކަމަށެވެ.
އަދި މި ފަސް އަހަރުތެރޭ ކުރުމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ޕާޓީގެ އަމާޒަކީ ނޮވެމްބަރު 17ގައި މި ސަރުކާރަށް އަހަރެއް ފުރުމުގެ ކުރިން ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމެވެ. ނަމަވެސް މިއަދުގެ ހަރަކާތުގެ ތެރެއިން 85،000 ހަމަވާނެ ކަމަށާއި އީސީއަށް ހަވާލުނުކުރެވި މިހާތަނަށް ހުރި 28،000 ފޯމު މިމަހުގެ 17 ވަނަ ދުވަހު އެ ކޮމިޝަނާ ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.