ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށްގެންދާ "އައި ކޭމްޕް"ގައި ތިން ދުވަހުން 60 ސާޖަރީ

ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށްގެންދާ "އައި ކޭމްޕް"އަށް ހެލްތް މިނިސްޓަރާއި ސަފީރު ޒިޔާރާތް ކުރެއްވުން --

ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމަކާއެކު ކުރިއަށްގެންދާ "އައި ކޭމްޕް"ގައި ތިން ދުވަހުން ގާތްގަނޑަކަށް 60 "ކެޓަރެކްޓް ސާޖަރީ" ފުރިހަމަ ކޮށްފިއެވެ.

މި ކޭމްޕް ބައްލަވައިލެއްވުމަށް މިއަދު ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވަނީ ޒިޔާރާތް ކުރައްވައިފައެވެ.

އެ ޒިޔާރާތައްށަފަހު ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ތިން ދުވަހުން ގާތްގަނޑަކަށް 60 ސާޖަރީ ފުރިހަމަ ކޮށްފައި ވާކަމަށެވެ. އަދި މިކަމަށްޓަކައި ޕޭޝަންޓުން ޝުކުރެވިރިވާކަން ސަފީރު ވަނީ ފާހަގަކުރައްވައިފައެވެ.

މި ކޭމްޕަށް ޒިޔާރާތް ކުރެއްވުމަށްފަހު މިނިސްޓަރާއި ސަފީރު ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ލޮލުގެ ޚިދުމަތް ރަނގަޅުކުރުމަށް ގުޅިގެން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސަފީރު ވަންގް ލިޒިން ވަނީ މި ކޭމްޕްގެ ކާމިޔާބީ ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ވެސް މިފަދަ ކޭމްޕްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ އަލިއަޅުއްވާލައިފައި ވެއެވެ.

މި ކޭމްޕް ކުރިއަށްގެންދަން ހަމަޖެހިފައި ވަނި މާދަމާގެ ނިޔަލަށެވެ. މި ކޭމްޕްގައި ބަލާނީ ލޮލުގެ ސާޖަރީ ކުރުމަށް ކުރިން ނަން ނޯޓުކޮށްފައިވާ މީހުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް