ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޚާއްޞަ ހެލްޕްލައިން, 1677 އަށް އެއް އަހަރު ފުރުނުއިރު 3,651 ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި ހެލްޕްލައިނަކީ ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14ގެ ވައުދެކެވެ. އެގޮތުން މި ހެލްޕްލައިންގެ ޚިދުމަތް ފަށާފައި ވަނީ ފެބްރުއަރީ 21، 2024 ގައެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ވޭތުވެ ދިޔަ އެއް އަހަރު ތެރޭގައި މި ހެލްޕްލައިނުން ވަނީ، 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ޚާއްސަ ފަރުވާއަށް ރިފާކޮށްފައި ކަމަށެވެ. އަދި ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެ ޚިދުމަތް 24 ގަޑިއިރު ލިބިގެން ދިއުމަކީ އެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު މަގުސަދެވެ.
މި ހެލްޕްލައިންއިން ނަފްސާނީ ފުރަތަމަ އެހީއާއެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މައުލޫމާތު ދިނުން އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފާ ކުރަމުންދާނެއެވެ. މީގެ އިތުރުން އެ ޚިދުމަތް ދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިންކަން ކަށަވަރުކޮށް، ކޯލް އޭޖެންޓުންނަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ. އަދި އެސްއޯޕީތަކާއި ރިފަރަލް ނިޒާމުތައް ތައާރަފުކުރުމުގެ މަސައްކަތްތައް ދަނީ ހިންގަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް، ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ. ޚާއްސަކޮށް އެ މިނިސްޓްރީން ކުރިއަށް އޮތް ތަނުގައިވެސް އެ ހެލްޕްލައިންގެ ޚިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލުކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި ނަފުސާނީ އެހީތެރިކަމަށް ޚާއްސަކޮށްގެން މިފަދަ ހެލްޕް ލައިނެއް ފުރަތަމަ އުފައްދާފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.
ނަމަވެސް 24 ގަޑިއިރަށް ޚިދުމަތްދޭގޮތަށް ތާރަފުކުރެވުނު މި ހެލްޕްލައިނަކީ ރާއްޖޭގައި ނަފުސާނީ ބަލިމަޑުކަމަށް ކޮންމެ ވަގުތަކު ވެސް އެހީދެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ހެލްޕްލައިނެވެ.